ޚަބަރު

ޒުވާނުންނާއި، މަދަނީ ޖަމިއްޔާތަކަށް ފުރުޞަތު ފަހިކޮށްދޭނަން - ޔޫތް މިނިސްޓަރ


ޒުވާނުންނާއި، މަދަނީ ޖަމިއްޔާތަކަށް އިތުރު ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދޭނެކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރީޖަނަލް އެލައެންސް ފޯރ ފޮސްޓަރިން ޔޫތް (ރަފީ) އާއި ސިންގަޕޫރުގެ އެޑްސްޓާ ގްލޯބަލް ގުޅިގެން ކުރިއަށްގެންދިޔަ މިލޭނިއަމް ޔޫތް އެމްބެސިޑަރސް ކޯޗިންގް ކޭމްޕް 2018 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އަޙްމަދު މަޙުލޫފް ވިދާޅުވީ، އެމަނިކުފާނަކީ ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނަވާ ބޭފުޅެއްކަމުން މި ދާއިރާގައި ކުރިމަތިވެފައިވާ ދަތިތަށް އެނގިލައްވާކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އިސްނެންގެވުމާއެކު މިނިސްޓްރީގެ ކަންކަން ބިނާކުރާނީ ޒުވާނުންގެ ލަފަޔާއި އިރުޝާދުގެ މަތިންކަމަށް މިނިސްޓަރ މަޙުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށްއޮތް ތަނުގައި "ޖަޒީރާ ހޮޅުއަށި" ފަދަ ޒުވާނުންނަށް ޚާއްޞަ ޕްލެޓްފޯމްތައް ފަހިކޮށްދެއްވައި، ޒުވާނުންގެ ކައުންސިލް ބާރުވެރިކޮށް ޒުވާން ބޭފުޅުން އެކައުންސިލަށް އައްޔަންކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްރިލަންކާގެ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި މިމަހުގެ 22 އިން 28 އަށް ކުރިއަށްގެންދިޔަ މިލޭނިއަމް ޔޫތް އެމްބެސިޑަރސް ކޯޗިންގ ކޭމްޕް 2018 ގައި 28 ޒުވާނަކު ބައިވެރިވެފައިވެއެވެ. މި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ކޭމްޕުން ފާހަގޮއްލެވުނު ފަސް ބައިވެރިއަކަށް އެވޯޑުދީފައިވާއިރު، ކޭމްޕްގެ ބެސްޓް އޯލް ރައުންޑަރއަކަށް ހޮވުނީ އައިމިނަތު ރީމާ ރަޝީދެވެ.

ޖުމްލަ 10 ސެޝަންއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޭމްޕްގައި އިސްނެގުމުގެ ހުނަރު ބިނާކުރުމާއި، އެންމެ އެކަށޭނަ ލީޑަރުން ބިނާކުރުމުގައި ވިސްނަންވީ ކަންކަމުގެ އިތުރުން ރާއްޖެފަދަ ޤައުމެއްގައި ހަރަކާތްތަށް ހިންގާއިރު ދެމެހެއްޓނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލްވާފަދަގޮތަކަށް ހަރަކާތްތަށް ރޭވުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮއްފައެވެ.

ރަފީ އެންޖީއޯއިން ގެންދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޒުވާނުން ބާރުވެރިކޮށް، ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ދިވެހި ޒުވާނުން ތަމްޞީލުކުރުމަށް ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.