ޚަބަރު

ޚިދުމަތް ހޯދުމަށް ދުވާ ދުވުން ނިމުމަކަށް ގެންނާނަން - މިނިސްޓަރ މަލީޙް


ސަރުކާރުގެ އެކި އޮފީސްތަކުން ޚިދުމަތް ހޯދުމަށް އެއް އޮފީހުން އަނެއް އޮފީހަށް ދާންޖެހޭ ދިއުން ނިމުމަކަށް ގެނެސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތް ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

ނެޝަނަލް ސެންޓަރ ފޯރ އިންފޮރމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީއާއި ރައީސުލްޖުމްޖުމްހޫރިއްޔާ އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަސައްކަތްތަކާއި، ތަޞައްވުރާގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާކުރައްވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވީ ދުނިޔެ ޓެކްނޮލޮޖީގެ ރޮނގުން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާއިރު، ދިވެހި ސަރުކާރުން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ކުރަމުން ނުދާކަމަށެވެ.

އެގޮތުން އެއް ޚިދުމަތެއް ހޯދުމަށް އެއް އޮފީހުން އަނެއް އޮފީހަށް ދާންޖެހި، ދައުލަތުގެ ޚިދުމަތްތައް ހޯދުމަކީ ރައްޔިތުންނަށް ތަކުލީފަކަށްވާ މިންވަރަށް ކަންކަން އުނދަގޫވެފައިވާކަމަށް މިނިސްޓަރ ވިދާޅިވިއެވެ. މިނިސްޓަރ މަލީޙު ވިދާޅުވީ ދިގު ކިޔޫތަކުގައި ތިބެ ޚިދުމަތް ހޯދުމަކީ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ މި ޒަމާނުގައި ދޫކޮށްލަން ޖެހިފައިވާ އާދައެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ދައުލަތުގެ އެކި މުއައްސަސާތަކުން ދޭ ޚިދުމަތްތައް ސްމާޓް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ލުއިފަސޭހަކަމާއެކު ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށެވެ. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މައިގަނޑު މަސްޢޫލިއްޔަތަކީ ސަރުކާރުގެ މުއައްސަސާތަކުގެ މަޢުލޫމާތު އެއް ވިއުގައަކުން ގުޅާލުންކަން ފާހަގަކުރައްވައި މިނިސްޓަރ މަލީޙް ވިދާޅުވީ މިކަމަށް ބޭނުންވާ ވަސީލަތްތަށް ހޯދުމުގެ މަސައްކަތް އެމިނިސްޓްރީން ވަރަށް އަވަހަށް ފަށާނެކަމަށެވެ.

"ދިވެހިން އެއް ޚިދުމަތެއް ނުވަތަ ތަފާތު ޚިދުމަތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. އެގޮތުން މި ޚިދުމަތްތައް ހޯދުމަށް ދުވާ ދުވުން ނިމުމަކަށްގެނެސް ލުއިފަސޭހަ ކޮށްދިނުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ އެއް އަމާޒު. އެގޮތުން މި މިނިސްޓްރީގެ މެންޑޭޓްގެ ދަށުން މަސައްކަތް ކުރާނަން. އަޅުގަނޑުމެން އެކި މުއައްސަސާތަކަށް ތަފާތު އެޕްލިކޭޝަންތަށްވެސް ހަދަން ނިންމާފައިވޭ. އެގޮތުން ދަތުރުފަތުރުކުރުމުގެ އެޕެއް ނެރުމަށްވެސް ވަނީ ނިންމާފައި." މިނިސްޓަރ މަލީޙު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަލީޙު ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގައި ފްލެޓް ދޫކުރުމުގައި ދެފުށްފެންނަ ނިޒާމެއް ޤާއިމުކުރާނެކަމަށެވެ. އެގޮތުން ފްލެޓަށްއެދި ފޯމް ހުށަހެޅުމާއެކު ވަގުތުން ލިބޭ ޕޮއިންޓް އެނގޭނެ ސިސްޓަމެއް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.