ޚަބަރު

މާލެ ފެހިކުރުމަށް އިތުރު ގޮތްތަކެއް ހޯދަންޖެހޭ- ރައީސް ނަޝީދު


މާލެ ފެހިކުރުމަށް އިތުރު ގޮތްތަކެއް ހޯދަންޖެހިފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މައިކޮލެޖްގެ "ލެޓްސް ގްރީން އިޓް" ޕްރޮޖެކްޓް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެއަކީ ކޮންކްރީޓް ޖަންގައްޔެއްގެ ގޮތުގައި ސިފަކުރައްވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މާލެ ފެހިކޮށް ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ.
ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށް މައި ކޮލެޖުން ލޯންޗުކުރި "ލެޓްސް ގްރީން އިޓް" ޕްރޮޖެކްޓް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ރައީސް ނަޝީދު ވަނީ އެ ކޮލެޖުގެ އިންޑޯ ގްރީނިން ޕްރޮގްރާމްވެސް ފައްޓަވާދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ގަސް ކަނޑަމުންދާ އަދަދު އިތުރުވަމުންދާކަމަށާ މިކަން ހުންޓުވަން ޖެހޭކަމަށެވެ. އަދި ދުރު މުސްތަޤްބަލަކަށް ބަލާނަމަ މި ފަދަ މަޝްރޫޢުތައް ހިންގުމަށް ގަސް ކަނޑަމުންދިއުމަކީ ނުރައްކާ ބޮޑުކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި، ގަސް އިންދުމުގެ ޕްރޮގްރާމްތައް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި މައި ކޮލެޖުން ފެށި މި ޕްރޮގްރާމްގެ ތެރެއިން ބަޔޮލޮޖިކަލް އިންޖިނިއަރިން ދިވެހިންގެ ތެރެއަށް ތަޢާރަފްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މައި ކޮލެޖުން ލޯންޗުކުރި "ލެޓްސް ގްރީން އިޓް" ޕްރޮޖެކްޓަކީ ދަރިވަރުންގެ ހިތުގައި ތިމާވެއްޓަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި ފެށި ޕްރޮޖެކްޓެއް ކަމަށް އެ ކޮލެޖުން ބުނެއެވެ. އަދި މި ޕްރޮޖެކްޓް މާލޭގެ އިތުރުން، އެކި ރަށްރަށުގައި ޤާއިމްކޮށްފައިވާ އެ ކޮލެޖުގެ 17 ބްރާންޗެއްގައިވެސް އަންނަ އަހަރު ފެށިގެންދާނެކަމަށް މައި ކޮލެޖުން ބުނެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި، އާންމުކޮށް ބޭނުންކުރާ ތަރުކާރީފަދަ ތަކެތި ހައްދާނެގޮތް ކިޔާދިނުމަށް ހަމަޖެހިފައިވާކަމަށްވެސް މައި ކޮލެޖުން ބުނެއެވެ.