ޚަބަރު

"ކޭ-ޕާރކް ރެސިޑެންސް" އަންނަ އޭޕްރީލްމަހު ނިންމަނީ


ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ޢިމާރާތްކުރަމުންދާ 13 ބުރީގެ ލަގްޜަރީ އެޕާރޓްމަންޓް ކޮމްޕްލެކްސް، "ކޭ-ޕާރކް ރެސިޑެންސް" ގެ މަސައްކަތް އަންނަ އޭޕްރީލްމަހު ނިމޭނެކަމަށް މި މަޝްރޫޢުގެ ރާއްޖޭގެ ޕާޓްނަރ ހަމްބޯ މޯލްޑިވްސްއިން ބުނެފިއެވެ.

ހުޅުމާލޭގައި ޢިމާރާތްކުރާ 13 ބުރީގެ ލަގްޒަރީ ކޮމްޕްލެކްސް "ކޭ-ޕާރކް ރެސިޑެންސް" އަކީ ކޮރެއާގެ ހަމްބޯ ޓެކްއާއި ރާއްޖޭގެ ހަމްބޯ މޯލްޑިވްސް ގުޅިގެން ހިންގާ މަޝްރޫޢެކެވެ. ހުޅުމާލޭ ސެންޓްރަލް ޕާރކް ކައިރީގައި ޢިމާރާތްކުރަމުންދާ 13 ބުރީގެ މި ޢިމާރާތުގައި ލަގްޜަރީ ފެންވަރުގެ 110 އެޕާރޓްމަންޓް ހުރެއެވެ. ކޮރެއަން ލަގްޜަރީ ފެންވަރަށް ތަރައްޤީކުރާ މި ޢިމާރާތުގެ ޢަމަލީ މަސައްކަތް ކުރަމުންދަނީ ހޮންގކޮންގގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޝީޖިއާ ގްރޫޕުންނެވެ.

"ކޭ-ޕާރކް ރެސިޑެންސް" ގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހަމްބޯ މޯލްޑިވްސްގެ މާކެޓިންގ އޮފިސަރ ސާޔާ އަޒަރު ވިދާޅުވީ، 11 ވަނަ ފަންގިފިލާއާ ހަމައަށް ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިމިފައިވާކަމަށާއި، މިހާރު ކުރަމުންދަނީ 12 ވަނަ ފަންގިފިލާގެ ކޮންކްރީޓް މަސައްކަތް ކަމަށެވެ. އަދި ކޮންކްރީޓް މަސައްކަތް ނިމެމުންދާ މިންވަރަކުން ވަކިވަކި ފަންގިފިލާތަކުގެ އިންޓީރިއަރ ޑިޒައިންކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. ސާޔާ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ މި ޢިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރިލްމަހުގެ ނިޔަލަށް ނިންމައި އެތަނުން އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކަށް ތަޅުދަނޑިތައް ހަވާލުކުރުން ކަމަށެވެ.

"
"މި ޕްރޮޖެކްޓް އެވޯޑުކުރީ ނޮވެމްބަރު 2016 ގައި. ނަމަވެސް އެކިއެކި ސަބަބުތަކާހުރެ މަސައްކަތް އަމަލީގޮތުން ފެށޭވަރުވީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި. މިހާރު މިވަނީ 11 ވަނަ ބުރިއާއި ހަމައަށް ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމިފައި. ކުރިއަށް މީނީ 2 ބުރި. އަޅުގަނޑުމެން އުއްމީދުކުރަނީ މިއަންނަ އަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް މިތަނުން އެޕާޓްމަންޓްތައް ގަނެފައިވާ ހުރިހާ ފަރާތްތަކަށް ތަޅުދަނޑިތައް ހަވާލުކުރެވެނޭކަމަށް."
ހަމްބޯ މޯލްޑިވްސްގެ މާކެޓިންގ އޮފިސަރ ސާޔާ އަޒަރު

ކޭ-ޕާރކް ރެސިޑެންސްގެ އެންމެ ތިރީބުރި ޚާއްޞަކޮށްފައިވަނީ ކުޑަކުދިންނަށް ޚާއްސަ ކުޅޭ ތަންތަނާއި، ޖިމަކާއި، ޑޭ ކެއަރ ސެންޓަރއެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ތަނެއް ހެދުމަށެވެ. އަދި ފުރަތަމަ ބުރި ވިޔަފާރީގެ ބޭނުމަށާއި، ކެފޭ ރެސްޓޯރެންޓްތައް ހިންގުމަށް ޚާއްޞަކޮށްފައިވާއިރު، 2 ވަނަ ބުރިން ފެށިގެން 12 ވަނަ ބުރިއާއި ހަމައަށް ހުންނާނީ އެޕާޓްމަންޓްތަކެވެ. ކޮރެއާގެ ތަޖުރިބާކާރުންގެ ލަފަޔާއެކު ޑިޒައިންކޮށްފައިވާ މި އިމާރާތުގައި ބޭނުންކުރާ ހުރިހާ ފިޓިންނާއި ފިކްސްޗަރސްތަކަކީ ކޮރެއާގެ ލަގްޒަރީ ބްރޭންޑްތަކެކެވެ. ސާޔާ ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތަރައްޤީކުރަމުންދާ ރިއަލް-އެސްޓޭޓް އިމާރާތްތަކާއި ޚިލާފަށް މިތަނުގެ ޙާއްސަކަމަކީ މުޅި އިމާރާތުގެ ކަރަންޓާއި ފެނަށް ބޭނުންވާ ހަކަތަ، ސޯލަރ ޕެނަލް މެދުވެރިކޮށް އުފެއްދުންކަމަށެވެ.

"މިއީ ކޮރިއަން ސްޓައިލަށް ރާއްޖޭގައި އިމާރާތްކުރާ ފުރަތަމަ ތަން. މިތަނުގެ ބޭސިކް ކޮންސެޕްޓަކީ ކޮރިއަން ލަގްޒަރީ ރާއްޖެއަށް ތަޢާރަފުކުރުން. މިތަނުން ތަފާތު އައު ކަންތައްތަކެއް ފެނިގެންދާނެ. މިސާލަކަށް މި އިމާރާތުގެ އެންމެ މަތީބައިގައި ހުންނާނީ ސޯލަރ ޕެނަލް ހަރުކޮށްފައި. މާނައަކީ މުޅި އިމާރާތުގެ ޕަބްލިކް ހުރިހާ ތަންތަނެއްގެ ކަރަންޓާއި ހުރިހާކަމެއް ހަމަޖައްސާނީ އޭގެން އުފައްދާ ހަކަތައިންނޭ. އަނެއްކަމަކީ މިތަނުގެ އެޕާޓްމަންޓްތަކުގެ ޖާގަ. ވަރަށް ސްޕޭޝަޒްވާނެއޭ ބުނެވޭނީ." - ސާޔާ އަޒަރު

"ކޭ-ޕާރކް ރެސިޑެންސް" ކޮމްޕްލެކްސްގައި ހިމެނޭނީ 1،200 އަކަފޫޓާއި 1،500 އަކަފޫޓްގެ 2 ކޮޓަރިއާއި 3 ކޮޓަރީ ލަގްޒަރީ އެޕާރޓްމެންޓްތަކެކެވެ. "ކޭ-ޕާރކް ރެސިޑެންސް" ގެ 50 އިންސައްތަ އެޕާޓްމަންޓްތައް މިހާރު ވިކިފައިވާއިރު، އެޕާރޓްމަންޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިތަނުގެ އެޕާޓްމަންޓްތައް ވިއްކަމުންދަނީ 3.5 މިލިއަން ރުފިޔާއާއި 5.5 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގައިކަމަށް ހަމްބޯ މޯލްޑިވްސް އިން މަޢުލޫމާތުދެއެވެ.