ވިޔަފާރި

136 ރިސޯޓް ދަނީ ތަރައްޤީކުރަމުން- ޓޫރިޒަމް މިނިސްޓްރީ


ރާއްޖޭގައި މިވަގުތު 136 ރިސޯޓެއް ތަރައްޤީކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު 136 ރިސޯޓް ތަރައްޤީކުރަމުން އަންނަނީ 132 ފަރާތަކާ ޙަވާލުކޮށްގެނެވެ. މީގެ ތެރޭގައި ރަށްރަށުގައި ތަރައްޤީކުރާ ރިސޯޓްތަކުގެ އިތުރުން ފަޅުތަކުގައި ތަރައްޤީކުރާ ރިސޯޓްތައްވެސް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ އެތަންތަން ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތުވެސް އެމިނިސްޓްރީގެ ވެބްސައިޓުގައި ހާމަކޮށްފައެވެ.

136 ރިސޯޓެއް ތަރައްޤީކުރަމުން އަންނައިރު، އެންމެ ގިނަ ރިސޯޓް ތަރައްޤީކުރަމުން އަންނަނީ މާލެ އަތޮޅުގައެވެ. އެގޮތުން މާލެ އަތޮޅުގައި 42 ރިސޯޓެއް އަންނަނީ ތަރައްޤީކުރަމުންނެވެ. ރ. އަތޮޅުގައި 15 ރިސޯޓެއް ތަރައްޤީކުރަމުން އަންނައިރު ގއ. އަތޮޅުގައި 13 ރިސޯޓެއް އަންނަނީ ތަރައްޤީކުރަމުންނެވެ. އަދި ބ. އަތޮޅުގައި 10 ރިސޯޓެއް އަންނަނީ ތަރައްޤީކުރަމުންނެވެ.

އެންމެ އުތުރުން ހއ. އަތޮޅުގައި 1 ރިސޯޓް ތަރައްޤީކުރަމުންދާއިރު ހދ. އަތޮޅުގައި 2 ރިސޯޓް ދަނީ ތަރައްޤީކުރަމުންނެވެ. އެންމެ ދެކުނުން އައްޑޫ ސިޓީގައި 2 ރިސޯޓެއް ތަރައްޤީކުރަމުންދާއިރު ގދ. އަތޮޅުގައި 3 ރިސޯޓެއް އަންނަނީ ތަރައްޤީކުރަމުންނެވެ.

136 ރިސޯޓް ތަރައްޤީކުރަމުންދާއިރު މީގެ ތެރޭގައި މެޑިކަލް ރިސޯޓަކާއި ޓްރެއިނިންގ ފެސިލިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ދެ ރަށެއްވެސް ހިމެނެއެވެ.

ރިސޯޓް ތަރައްޤީކުރުމުގެ އިތުރުން ހޮޓަލާއި ގެސްޓު ހައުސްގެ ގޮތުގައި 18 ތަނެއް ދަނީ ތަރައްޤީކުރަމުންނެވެ.

ރާއްޖޭގައި ޖުމްލަ 144 ރިސޯޓެއް، ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ އިރު، ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ރިސޯޓްތައް ތަރައްޤީކޮށް މާކެޓަށް ނެރެ، ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުންކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.