ޚަބަރު

ޓޫރިޒަމް މިނިސްޓްރީ ތިމާވެއްޓާ ރައްޓެހިކުރަނީ


ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތު މާޙައުލަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށް، އެެއްފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލުމަށް ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެމިނިސްޓްރީން "ސިންގަލް ޔޫސް ޕްލާސްޓިކް ފްރީ" ސިޔާސަތެއް އެކުލަވާލަވާލުމަށް ނިންމައި، މިކަން 1 ޑިސެންބަރުންފެށިގެން ތަންފީޒް ކުރަން ފަށާނެކަމަށެވެ.

މިހާރުވެސް ސަރުކާރުގެ ބައެއް އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި ދަނީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަމުންނެވެ. އޭގެތެރޭގައި އެންވަޔަރަމެންޓް މިނިސްޓްރީ، ދިރާގު، އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތައް ހިމެނެއެވެ. އަދި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއިންވެސްވަނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ފުރަތަމަ 3 މަސްތެރޭގައި ޕްލާސްޓިކް ފުޅިއާއި، ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ޤައުމީ ކެމްޕެއިނެއް ފެށުމަށްވަނީ ނިންމާފައެވެ.