ޚަބަރު

މަޓާޓޯގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ތައްޔާރުވަނީ!


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) ގެ އަހަރީ ޢާންމު ޖަލްސާ އަންނަ މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މަޓާޓޯއިން ބުނީ އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އޮންނާނީ 2 ޑިސެމްބަރ ވަނަ ދުވަހު ހަވީރު 4 ޖަހާއިރު ހޮޓެލް ޖެންގައިކަމަށެވެ.

މި ޖަލްސާގައި މަޓާޓޯގެ އަހަރީ ރިޕޯޓް އިއްވުމާއި، ބޯޑަށް މެންބަރުން އައްޔަންކުރުމާއި، އެ އެސޯސިއޭޝަނުން ކުރިއަށްއޮތް އަހަރުދުވަހު ކުރުމަށް ރާވާފައިވާ ކަންކަން ހާމަކުރާނެކަމަށް މަޓާޓޯއިން ބުނެއެވެ.

މަޓާޓޯއިން ވަނީ މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުގެ މެންބަރުންނަށާއި، ޕާރޓްނަރުންނަށް ހުޅުވާލާފައެވެ.

މަޓާޓޯއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޕްރޮމޯޓްކުރުމާއި، މި ދާއިރާގައި މީހުން ބިނާކުރުމަށް ރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ. މަޓާޓޯއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް "މޯލްޑިވްސް ޓްރެވެލް އެވޯޑްސް" ވެސް އަންނަ މަހުގެ ތެރޭގައި ބޭއްވުމަށް އެ އެސޯސިއޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.