ޚަބަރު

ދުނިޔެ ރަނގަޅު ތަނަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަންޖެހޭ - ރައީސްގެ އަނބިކަނބަލުން


ދުނިޔެއަކީ ރަނގަޅުތަނަކަށް ހެދުމަށް އެންމެންގެ ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙްމަދު ވިދާޅުވީ މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަންގެ 20 ވަނަ ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިންގް ކޭމްޕް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާފުށީގައި ބާއްވާ މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަންގެ 20 ވަނަ ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިންގް ކޭމްޕް ފައްޓަވައިދެއްވުމަށްފަހު ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙްމަދު ވިދާޅުވީ ދުނިޔެ ރަނގަޅު ތަނަކަށް ހެދުމަށް އެންމެން ގަދައަޅާ މަސައްކަތްކުރަންޖެހޭކަމަށެވެ.

އެކަމަނާ ވިދާޅުވީ ކޮންމެ ގައިޑެއްގެވެސް އަޒުމަކަށް ވާންވާނީ، ކުރާ ކޮންމެ ކަމަކުންވެސް ހެޔޮ ބަދަލެއް ގެނައުންކަމަށެވެ. އަދި ގޭގައާއި ސުކޫލް އަދި މަސައްކަތު މައިދާނުގައިވެސް ކޮންމެ ކަމެއްވެސް ކުރަންވާނީ މުޖުތަމަޢުގެ ލާބައާއި މަންފާއަށް ވިސްނައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

"
"ވަރަށް ބޮޑު ބަދަލެއް ގެނެވިދާނެ ކުޑަކުޑަ ކަމަކުންވެސް. މި ކޭމްޕް ނިމޭއިރު ކޮންމެ ކުއްޖަކުވެސް އެ ކުއްޖަކަށް ކޭމްޕުން ދަސްވީ ކޯއްޗެއްކަން ބެލުން ވަރަށް މުހިންމު."
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޝަރަފުގައި ގާރލް ގައިޑުންގެ ފަރާތުން "ގާރޑް އޮފް އޮނަރ" އެއް އަރުވާފައިވެއެވެ. އަދި ކޭމްޕް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަނާވަނީ ކޭންޕުގެ ދިދަ ނަންގަވައިދެއްވައިފައެވެ.

ނޭޝަނަލް ޕެޓްރަލް ލީޑާސް ޓްރެއިނިންގ ކޭމްޕް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ނިއުމަތް ޝަފީޤް ވިދާޅުވީ މިފަދަ ކޭމްޕެއް ބޭއްވުމުގެ މަޤްސަދަކީ އެކި ޙާލަތްތަކަށް ކުދިން ތައްޔާރުކުރުންކަމަށެވެ. އެގޮތުން މި ކޭމްޕްގައި ލިބެން ހުންނަ ތަކެތިން، ގޭތެރޭގައި ބޭނުންކުރާ ތަކެތި އުފެއްދުމާއި، ކެއްކުމާއި، އަދި އެކި ކަހަލަ އިޖްތިމާޢީ މައްސަލަތަކަށް މި ކޭމްޕްގެތެރެއިން ކުދިން ހޭލުންތެރިކުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ. މިއަހަރުގެ ކޭމްޕް ބާއްވަނީ "ވޮއިސަސް އަގައިންސްޓް ވަޔަލެންސް" މި ޝިއާރުގެ ދަށުންނެވެ.

"އެކި ޕްރޮގްރާމްތަކުގެ ތެރެއިން ވަޔަލަންސްއާއި ގުޅޭގޮތުން 700 އަށްވުރެ ގިނަ ކުދިންނަށްވަނި މަޢުލޫމާތުދީފައި. އަދި ގައިޑުންގެ ތެރޭގައި ކުރި ސަރވޭއެއްގައި އެންމެ ގިނަ ކުދިން ބުނެފައިވަނީ އެކުދިންނަށް އެންމެ ރައްކާތެރި ނޫން ތަނަކީ މަގުމަތިކަމަށް." ގާރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ނިއުމަތް ޝަފީޤް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވަހަކަދައްކަމުން މި ކޭމްޕްގެ ބައިވެރިން ބުނީ ކޭމްޕަށް ތައްޔާރުވުމަށްޓަކައި ކުރި މަސައްކަތްތަކުންވެސް ގިނަ ކަންތައްތަކެއް ދަސްވެފައިވާކަމަށެވެ. އެގޮތުން އެކުގައި މަސައްކަތްކުރުމާއި، ގޭތެރޭގެ މަސައްކަތްތަކާއި، އިޖްތިމާއީ އެކި ކަންކަމާގުޅޭ މައުލޫމާތު ލިބިފައިވާކަން ބައިވެރިން ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ މި ކޭމްޕްގައި ބައިވެރިވާ ދަރިވަރުންނާއެކު ކޭމްޕް ކުރިއަށްދާ ސަރަހައްދު ބައްލަވައިލައްވައި އެ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަކީ އެކަމާނާގެ މަޤާމުގެ ޙައިސިއްޔަތުން މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ ޗީފް ގައިޑެވެ.

މި ކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ ކޭމްޕްގައި 32 ސްކޫލަކުން 246 ގައިޑުންވަނީ ބައިވެރިވެފައެވެ. މި ކޭމްޕް ކުރިއަށްގެންދަނީ 13 އަހާރި 17 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މި ކޭމްޕް މިމަހުގެ 29 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.