ޚަބަރު

ރާއްޖެއާއި އިންޑިޔާއިން އައު ވިސާ އެގްރީމެންޓެއްގައި ސޮއިކުރަން ނިންމައިފި


ރާއްޖެއާއި އިންޑިއާއިން އައު ވިސާ އެގްރީމެންޓެއްގައި ސޮއިކުރަން ނިންމާފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައި ހުންނަވައިގެން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އިންޑިޔާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުގައި ދެޤައުމުން އައު ވިސާ އެގްރީމެންޓެއްގައި ސޮއިކުރަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މި އެގްރީމެންޓާއި އެކު އިންޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރގެ ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސިލެއް މިނިސްޓަރ ދެއްވާފައެއް ނުވެއެވެ.

"އައު ވިސާ އެގްރީމެންޓެއް ރާއްޖެއާއާއި އިންޑިޔާއާއި ދޭތެރޭ ސޮއިކުރާނީ ރައީސް ޞާލިހް އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިން. މިގެ ސަބަބުން ކިޔަވަން ބޭރަށް ފުރާ ކުދިންނަށާއި ބެލެނެވެރިންނަށް އަދި ބޭސް ފަރުވާއަށް ފުރާ މީހުންނަށް މިހާރު ދިމާވާ މައްސަލަތަކަށް ފަސޭހަތަކެއް ލިބިގެންދާނެ." މިނިސްޓަރ ޝާހިދްގެ ޓްވީޓުގައި ފާހަގަކޮށްފައިވެއެވެ.

އިންޑިއާއަށް ކުރައްވަމުންދާ މިދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އިންޑިޔާގެ ރައީސް ރާމްނާތް ކޯވިންދާއި ޚާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖާ ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމާ ބެހޭގޮތުން ވާހަކަފުޅުދައްކަވައި ދެޤައުމުގެ ދެމެދުގައި އޮތް އިޖުތިމާޢީ، އިޤްތިސާދީ އަދި އަސްކަރި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އިންޑިޔާއަށް ކުރައްވާ ދަތުރުގައި މި ވިސާ އެގްރީމެންޓުގައި ސޮއިކުރުމަށް ނިންމާފައިވާއިރު ރައީސް އިންޑިޔާއަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.