ތަޢުލީމު

ޒުވާނުން ފަންނީ މަސައްކަތްތަކުގައި ދެމިތިބުން މުހިންމު - ރައީސް


ފަންނީ މަސައްކަތްތެރިންނަކީ ޤައުމެއްގެ އިޤްތިސާދު
ކުރިއަރާ ދިއުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަމުންދާ ފަރާތްތައް ކަމަށް
ވީހިނދު ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ޒުވާނުން ނިކުމެ ފަންނީ މަސައްކަތްތަކުގައި
ދެމިތިބުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިހެން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އިސްނަންގަވައިގެން
ކުރިއަށްގެންދެވި ދަސްވާރު ޕްރޮގްރާމްގެ މިއަހަރުގެ ބުރު ނިންމާ ދަސްވެނިންނަށް
ސަނަދުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.



ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތައް ކަމަށްވާ ޖަޕާނާއި
ޖަރުމަނުފަދަ ގައުމުތަކުގެ އިގްތިސާދު ކުރިއަރާފައިވަނީ އެ ގައުމުތަކުގައި ފަންނީ
ދާއިރާތަކުން މަސައްކަތްތެރިން އުފައްދައިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައިވެސް ފަންނީ ދައިރާތަކުން މަސައްކަތްތެރިން ބޭނުންވާ ކަމަށާއި،
އެކަމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، ޒުވާނުންގެ ކިބައިގައި
އެ ހިތްވަރު ހުންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފަންނީ
މަސައްކަތްތެރިންނަކީ ސަރުކާރުން ފަހްރްވެރިވާ ބައެއް ކަމަށާއި، ރާއްޖޭގެ ފުޅާ
ސިނާއަތްތަކަށް ގިނަ އަދަދަކަށް ފަންނީ މަސައްކަތްތެރިން ބޭނުންވާ ކަމަށެވެ.



ދަސްވާރު ޕްރޮގްރާމްގައި ޖުމްލަ ތޭރަ ދާއިރާއަކުން އެކި
ކޯސްތައް ހެދުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ ނަތީޖާދަށް ދަރިވެރުންގެ
މުސްތަގްބަލް ބިނާކުރުމަށް ލިބިގެންދިޔަ ފަހި ފުރުސަތެއްކަމަށް ރައީސް ޔާމީން
ވިދާޅުވިއެވެ.



ދަސްވާރު ޕްރޮގްރާމަކީ ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށް
އެޅި ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާ، މި ޕޮރްގްރާމްތައް
ހިންގުމުގައި އަމިއްލަ ކުންފުނިތަކުން ސަރުކާރަށް ދެމުންދާ އެއްބާރުލުން ވަރަށް
ބޮޑަށް ބަލައިގަންނަކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.