ޚަބަރު

ޚާޝޫގްޖީގެ މައްސަލައިގައި ސީ.އައި.އޭގެ ހޯދުންތަކަށް އިތުބާރެއް ނުކުރެވޭނެ- ސައުދީ


މިދިޔަ މަހުގެ ދެވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސައުދީ ޢަރަބިޔާގެ ކޮންސުލޭޓްގައި އެ ޤައުމުގެ ނޫސްވެރިޔާ ޖަމާލް ޚާޝޫގްޖީ މަރާލި މައްސަލައިގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީ.އައި.އޭއިން ހޯދާފައިވާ ހޯދުންތަކަށް އިތުބާރު ނުކުރެވޭނެކަމަށް ސައުދީ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނެފައިވަނީ، ނޫސްވެރިޔާ މަރާލުމަށް އޯޑަރު ދެއްވާފައި ވަނީ ސައުދީ ވަލީޢަހުދު، މުޙައްމަދު ބިން ސަލްމާން ކަމަށެވެ.

އަބޫދާބީގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ސައުދީ ޝާޙީ ޢާއިލާގެ އިސް އޮފިޝަލު، ތުރްކީ ޢަލް ފައިސަލް ވިދާޅުވީ، ކަންކަމާ ބެހޭ އެންމެ ތެދު މަޢުލޫމާތު ހާމަކުރުމުގައި ސީ.އައި.އޭއަކީ އެންމެ ނަޒާހަތްތެރިކަމާއެކު ޢަމަލުކުރާ އިދާރާ ނޫންކަމަށާއި، މި އިދާރާގެ ބަހަށް އިތުބާރުކުރުމުގައި ޙިކުމަތްތެރިކަން އިސްކުރަންޖެހޭ ކަމަށެވެ.

ސައުދީ އިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަންވެސް މީގެ ކުރިން ކުރައްވާފައިވާ ތުރުކީ ވިދާޅުވީ، 2003 ވަނަ އަހަރު ސީ.އައި.އޭއިން ވަނީ އިރާޤުގައި ކެމިކަލް ހަތިޔާރު ހުރިކަމަށްވެސް ވަރަށް އިތުބާރާއެކު އިޢުލާންކޮށްފައި ކަމަށާއި، އެހެންނަމަވެސް އެކަންވެސް ސާބިތު ނުކުރެވޭކަމަށެވެ. ނޫސްވެރިޔާ މަރާލި މައްސަލައިގައި ވަލީއަހުދުގެ އެއްވެސް އަތެއް ނެތްކަމަށް ސައުދީ ރަސްގެފާނު ވެސް ވަނީ ވިދާޅުވެފައެވެ.