ޚަބަރު

ރުއްގަސް ކެނޑުން ހުއްޓުވުމަށް ޤާނޫނު ބަދަލުކުރަނީ


ޤަވާއިދާ ޚިލާފަށް ރުއްގަސް އުފުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ މައްސަލަ ބޮޑުވެފައިވާތީ، މި މައްސަލަ ޙައްލުކުރުމަށް ޤާނޫނާއި ޤަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުން ޤަވާއިދާ ޚިލާފަށް ރުއްގަސް އުފުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ މައްސަލަތައް ފެންމަތިވެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށުމާ ގުޅިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީވަނީ މިމައްސަލަތައް ބަލަން ފަށާފައެވެ. ކ. ދިއްފުށީގައި އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަކުރުމަށް ހިންގި ސާފުކުރުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވީ ތިމާވެއްޓަށް ގެއްލުންވާފަދަ މިފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި މިކަމާބެހޭ ޤާނޫނާއި ޤަވާއިދަށް ބަދަލުގެނައުމުގެ މަޝްވަރާތައް ކުރަމުންދާކަމަށެވެ.

ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިޔާސީ ފަރާތްތަކަށް ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މުހިއްމުކަން އަންގައިދިނުމަށްޓަކައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަން ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭއަކީ ސާފުތާހިރު ތަނަކަށް ހެދުމަށްޓަކައި ވެށި ރައްކާތެރިކުރުމަށް މުޅި ރާއްޖޭގައި ސާފުކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދާނެކަން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ހަދާ ރިސޯޓުތައް ފެހި ކުރުމަށް ރާއްޖޭގެ ރަށްތަކުން ރުއް ގަސް އަންނަނީ ކަނޑަމުންނެވެ. އަދި ހަމައެއާއެކު ރާއްޖޭގެ ބައެއް ރަށްރަށުން ރުއްގަސް ކަނޑައި ރާއްޖެއިން ބޭރަށް ބައެއް ފަރާތްތަކުން އަންނަނީ އެކްސްޕޯޓުވެސް ކުރަމުންނެވެ.