ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ރެޑް ކްރޮސްގެ ވަފުދާ ބައްދަލުކުރައްވައިފި


މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ ވަފުދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް، އައިސީއާރުސީގެ ވަފްދުގެ ބޭފުޅުން ވަނީ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްއާއި ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެގުޅުން އިތުރަށް ބަދަހިކޮށް ހީނަރުވިޔަ ނުދިނުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް އައިސީއާރުސީއިން 2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިސާގައި ރާއްޖެއަށް އެކިގޮތްގޮތުން ފޯރުކޮށްދީފައިވާ ގިނަގުނަ އެހީތައް ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އައިސީއާރުސީގެ ވަފްދުގެ ބޭފުޅުންވަނީ ކުރިމަގުގައި ދިވެހިރާއްޖެއާއެކު އެކިރޮނގުތަކުން ކުރިއަށްގެންދަން ބޭނުންވާ ޕްރޮގްރާމްތަކާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

އައިސީއާރސީއަކީ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ހަރަކާތްތެރިވާ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ޖަމިއްޔާތައް ހިންގާ މައި ކޮމިޓީއެވެ.