ޚަބަރު

ފުވައްމުލަކު ޑައިވް ޕޮއިންޓް ޙިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި


ފުވައްމުލައް ސިޓީގެ މަޝްހޫރު "ޑައިވް ޕޮއިންޓް" ހިމާޔަތްކުރެވިފައިވާ ތަނެއްގެގޮތުގައި ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

ފުވައްމުލަކު ބަނދަރު ނެރުގެ އުތުރުން އޮންނަ ޑައިވްކުރާ ސަރަހައްދު މިހާރު މަޝްހޫރުވެފައިވަނީ "ޑައިވް ޕޮއިންޓް" ގެ ގޮތުގައެވެ. ފުވައްމުލަކު ޒުވާނުންނާއި، ދުނިޔޭގެ މަޝްހޫރު ޑައިވަރުންވެސް އެސަރަހައްދު ޑައިވް ކުރުމަށް ބޭނުންކުރެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފުވައްމުލަކު ޑައިވް ޕޮއިންޓުން ފެންނަ މަސްތަކުގެ ތެރޭގައި ދުނިޔޭގެ އެއްވެސް ސަރަހައްދަކުން މަދުންނޫނީ ނުފެންނަ ވައްތަރުތަކުގެ މަސްތައް ހިމެނޭކަމަށެވެ. އެހެންކަމުން އެ ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

ފުވައްމުލައް ސިޓީގެ މަޝްހޫރު "ޑައިވް ޕޮއިންޓް" އަށް ފުވައްމުލަކާގުޅޭ ދިވެހިވަންތަ ނަމެއް ކިޔުމަށްޓަކައި، ނަމެއް ހުށަހެޅުމުގެ ފުރުޞަތުވެސް ސިޓީ ކައުންސިލުން ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ. އެގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އަންނަމަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ފުރުޞަތު ޢާންމުންނަށް ހުޅުވާލާފައެވެ.