ޚަބަރު

މިލޭނިއަމް ޔޫތް އެމްބެސިޑަރސް ކޯޗިންގް ކޭމްޕް 2018 ފަށައިފި


މިލޭނިއަމް ޔޫތް އެމްބެސިޑަރސް ކޯޗިންގް ކޭމްޕް 2018 ސްރިލަންކާގެ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި ފަށައިފިއެވެ.

މިމަހުގެ 22އިން 28އަށް ކުރިއަށްގެންދާ މި ކޭމްޕަކީ ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ އެއްކަމަށްވާ ރީޖަނަލް އެލައެންސް ފޯރ ފޮސްޓަރިން ޔޫތް (ރަފީ) އާއި ސިންގަޕޫރުގެ އެޑްސްޓާ ގްލޯބަލް ގުޅިގެން ކުރިއަށްގެންދާ މިފަދަ ދެވަނަ ކޭމްޕެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރަފީ އެންޖީއޯގެ ސެކެޓްރީ އޮފް ބޯރޑް ފާތިމަތު މަމްދޫހާ ވިދާޅުވީ މި ކޭމްޕްގައި 28 ޒުވާނަކު ބައިވެރިވެފައި ވާކަމަށާއި އޭގެ ތެރޭގައި މިދިޔަ މަހު ރަފީ އެންޖީއޯއިން ހިންގި މިލޭނިއަން ޔޫތު ލީޑާސްގެ ދެވަނަ ކޭމްޕުގެ ތެރެއިން ހޮވި 15 އައު އެމްބެސެޑަރުންނާއި، 6 ސީނިއަރ އެމްބެސެޑަރުންގެ އިތުރުން 6 ދަރުމަވެރިން ހިމެނޭކަމަށެވެ.

ރަފީ އެންޖީއޯގެ މައިގަނޑު މަޤުޞަދަކީ މުޖުތަމަޢުގައި ޒުވާނުން ބާރިވެރިކޮށް ޒުވާނުން މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުންކަން ފާހަގަކުރައްވައި މަމްދޫހާ ވިދާޅުވީ މި ކޭމްޕްގެ ތެރެއިންވެސް މި މަޤުޞަދު ޙާސިލުކުރުމަށް ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

ޖުމްލަ 10 ސެޝަންއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޭމްޕްގައި އިސްނެގުމުގެ ހުނަރު ބިނާކުރުމާއި، އެންމެ އެކަށޭނަ ލީޑަރުން ބިނާކުރުމުގައި ވިސްނަންވީ ކަންކަމުގެ އިތުރުން ރާއްޖެފަދަ ޤައުމެއްގައި ހަރަކާތްތަށް ހިންގާއިރު ދެމެހެއްޓނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލްވާފަދަގޮތަކަށް ހަރަކާތްތަށް ރޭވުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރަފީ އެންޖީ އުފެއްދީއްސުރެ މިއަދާހަމައަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޒުވާނުން ބާރުވެރިކޮށް ދިވެހި ޒުވާނުން ތަމްޞީލުކުރުމަށް ތަފާތު ގިނަ ހަރަކާތްތަކެއްގައި ދަނީ ބައިވެރިވަމުންނެވެ.