ޚަބަރު

ތިމާވެށި ޙިމާޔަތްކުރުމަކީ ކޮންމެ ފަރުދެއްހެ ޒިންމާއެއް - ޑރ.ހުސައިން


ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތް ކުރާ އެންމެބޮޑު އެއްސަބަބަކީ ރާއްޖޭގެ ތިމާވެށީގެ ރީތިކަންކަމަށާ، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއަކަށް ހެދުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ގޮވާލައްވައިފިއެވެ.

އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ ފާހަގަކުރުމުގެ ގޮތުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މާލެ އަތޮޅު ދިއްފުށި ސާފުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖޭގައި ރަށްރށުގައި ދިރިއުޅޭއިރު، ރަށްރަށުގެ ޤުދުރަތީ ވެށީގެ ޙިމާޔަތަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭކަމަށާ، ރަށްރަށުގެ ތިމާވެއްޓަށް ކަމޭހިތުމަކީ ދިވެހިރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

ތިމާވެށި ރައްކާތެރިކުރުމަށްތަކައި، އުފެދޭ ކުނިބުނި ޖެހުނުކޮންމެ ކޮންމެ ތާކަށް އުކާލުމުން އެއްކިބާވާންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފަތުރުވެރިކަން ކަމަށްވާއިރު، ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތް އިތުރުކޮށް އެއިން ފައިދާ ހޯދުން އިތުރުކުރެވޭނީ ތިމާވެށި ހިމާޔަތްކުރުމަށް ބޮޑު އިސްކަމެއް ދީގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ އިތުރަށް މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމަށްވެސް ތިމާވެށްޓަށް އިސްކަން ދިނުމަކީ މުހިންމުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު އިންޓަނޭޝަނަލް ކޯސްޓަލް ކްލީނަޕް ޑޭ ފާހަގަކުރާއިރު މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށެއްގައި މި ޙަރަކާތް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޙަރަކާތުގައި ދިއްފުށީގެ ގޮނޑުދޮށާއި މޫދު ވަނީ ސާފުކޮށްފައެވެ.
މިގޮތުން ސާފުކޮށްގެންވަނީ ޖުމުލަ 1567 ޕްލާސްޓިކް ފުޅި ނަގައިފައެވެ. މީގެ ތެރޭގައި 1333 ފެން ހުސްކުރި ފުޅި ހިމެނެއެވެ. އީޕީއޭއިން ބުނީ މިފުޅި ތަކުގެ ތެރޭގައި 834 ލައިފް ބްރޭންޑްގެ ފެންފުޅިއާއި އެހެނިހެން ފުޅީގެ ގޮތުގައި 570 ފުޅި ނަގާފައިވާކަމަށެވެ. އަދި އެހެނިހެން ކުނީގެ ގޮތުގައި 8 ޖަންބޯ ބޭގްސްގެ ކުނި ނަގާފައިވަކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
މި ހަރަކާތުގައި ރަށު ސްކޫލްކުދިންނާއި ރައްޔިތުން ބައިވެރިވެފައިވާއިރު ސްކޫލް ދަރިވަރުން ތިމާވެއްޓާމެދު ދެކޭ ގޮތާއި މިފަދަ ޙަރަކާތްތަކާގުޅޭ ގޮތުން އެކުދިންގެ ޝުއޫރުތައްވަނީ ޙިއްސާކޮށްފައެވެ.

އިންޓަނޭޝަނަލް ކޯސްޓަލް ކްލީނަޕް ޑޭ ފާހަގަކުރުމުގެ ގޮތުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ކުރިއަށްގެންދިޔަ ހަރަކާތަކީ ތިމާވެއްޓަށް ރައްޔިތުން އަހުލުވެރިކުރުވުމާއި އެއްގަމާއި ކަނޑުތައް ކުނިބުނިން ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.އަދި އާއްމު ދިރިއުޅުމުގައި އުފެދޭ ކުނީގެ ބާވަތްތައް ދެނެގަތުމާއި މަދުކުރެވޭނެ ގޮތްތައް ދެނެގަތުމަކީވެސް މިހަރާކާތުގެ އެއް މަޤުޞަދެވެ.