ޚަބަރު

ބްރެކްސިޓް އެއްބަސްވުމަށް ރައްޔިތުންގެ އިތުބާރު މުހިއްމު- މޭ


އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާބެހޭގޮތުން އެކުލަވާލާފައިވާ އެއްބަސްވުމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުން ރުހުންނުދީފިނަމަ އިނގިރޭސި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި އިނގިރޭސި މުޖުތަމަޢު ޝައްކާއި ވަހުމުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެކަމަށް، ބޮޑުވަޒީރު ތެރީސާ މޭ އިންޒާރުދެއްވައިފިއެވެ.

ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ބޮޑުވަޒީރު މޭ ވިދާޅުވީ، ބްރެކްސިޓްގެ އެއްބަސްވުމުގެ ދެލިކޮޕީގައި ހިމެނޭކަންކަން އިނގިރޭސި އާންމު ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށްޓަކައި ދާދިއަވަހަށް އިނގިރޭސިވިލާތުގެ ކަންކޮޅުތަކަށް އޭނާ ދަތުރުފުޅެއް ފައްޓަވާނެކަމަށެވެ. ތެރީސާ ވިދާޅުވީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާމެދު އިނގިރޭސި ރައްޔިތުން އެމީހުންގެ ބަސް ބުނެފިކަމަށާ ދެން އޮތީ އެކަން އަވަހަށް ތަންފީޒުކުރުންކަމަށެވެ.

ބްރެކްސިޓްގެ ކަންތައް ތަންފީޒުކުރުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދާއި އިނގިރޭސި ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގެ ދެލިކޮޕީ ތައްޔާރުކޮށް ނިމިފައިވާއިރު އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރަޕްގެ އިއްތިޙާދުގެ ސަމިޓުން އެ އެއްބަސްވުމުގެ ދެލިކޮޕީއާމެދު ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.