ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާ ޕްރޮމޯޓްކުރުމަށް ބަޖެޓް ވަނީ ބޮޑުކޮށްފައި- ޓުއަރިޒަމް މިނިސްޓަރ


ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި އެދާއިރާގެ ޕްރޮމޯޝަނަލް ބަޖެޓް 3 ގުނަ ބޮޑުކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ބަޖެޓުގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ބަޖެޓް އިތުރުކޮށްފައިވަނީ އިތުރު މަންޒިލްތަކަށް ގޮސް، ރާއްޖެ އިޝްތިހާރު ކުރުމަށްކަމަށެވެ. މިގޮތުން ސަރުކާރުގެ ސިޔާސަތަކީ މިހާރު ހުރި ފެއަރތަކުގެ އިތުރުން، އިތުރު ފެއަރތަކުގައިވެސް ބައިވެރިވުންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އެންމެ ގިނަ ފައިސާ ވައްދާ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ މި ދާއިރާގެ އެއްވެސް ކަމެއްގައި ޤާނޫނާއި ޤަވާއިދުގެ ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ފަތުރުވެރިކަމުގެ ފައިދާ ފޯރުކޮށްދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިދާއިރާގެ ކަންކަން ކުރިއެރުވުމަށްޓަކައި ދާއިރާއާ ގުޅޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާނަން. ރާއްޖޭގެ ރަށްތަށް ވަކި ވަކި ޑެސްޓިނޭޝަންގެ ގޮތުގައި މާރކެޓް ކުރުމަކީ އާ ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް. އާ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ލާމަރުކަޒީކޮށް ބާރުތައް ވީ ވަރަކުން ދެވެން އޮތް އެންމެ ފުން މިންވަރަށް ދޫކޮށްގެން ޑެސްޓިނޭޝަންސްތަކެއްގެ ގޮތުގައި ރާއްޖެ ތަރައްޤީ ކުރުން."އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ކުރީގެ ސަރުކާރުން ހުއްދަދީ ގެޒެޓްކޮށްފައިވާ ނަމަވެސް ކުއްޔަށް ނުދޭ 13 ރަށާއި 4 ފަޅު އަދި 2 ބިން ހިމެނޭކަމަށެވެ. އަދި ރައީސް އޮފީހުން ހުއްދަދީ ގެޒެޓްކޮށްފައި ނުވިނަމަވެސް ކުއްޔަށް ދީފައިވާ 3 ރަށް ހިމެނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މިހާރު ކުއްޔަށް ދޫކޮށް އަދި ނުހެދި ހުރި ރަށްތައް އަވަސް މުސްތަޤްބަލެއްގައި ހަދާ އިތުރު ވަޒީފާތައް ފަހިކޮށްދިނުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މި ސަރުކާރުން ހަވާލުވިއިރު މިނިސްޓްރީގެ ބެލުމުގެ ދަށުން ޖުމްލަ 132 މަޝްރޫއުއެއް ފޯލް ވޭ. މީގެ ތެރޭގައި 140 އަށްވުރެ ގިނަ ރަށް ހިމެނޭ. ނަމަވެސް އެކި ސަބަބުތަކާހުރެ 54 ރަށެއްގެ މަސައްކަތް ހުއްޓިފައި. މަސައްކަތް ކުރިއަށްދާ ރަށްތަކުގެ ތެރޭގައި 93 ރަށް ހިމެނޭ. ރަޖިސްޓަރކޮށްފައި ވާ ރިސޯޓް 144. ހޮޓެލް 12. ރަޖިސްޓަރކޮށްފައިވާ ގެސްޓްހައުސް 508. ސަފާރީ ޔޮޓްފަދަ ތަކެތި 148. ޓްރެވެލް އެޖެންސީ 308 ޑައިވް ސްކޫލް 272 ހިމެނޭ" އަލީ ވަހީދު ވިދާޅުވިއެވެ.

ފަތުރުވެރިކަން ފުޅާކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.