ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފިއެވެ.
ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ އަޙްމަދު އެވެ. މަޖިލީހުން ބުނީ ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގާފައިވާކަމަށެވެ.
މެންބަރު ޢަބްދުﷲ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ފަސް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ވިދާޅުވޯ އެ މައްސަލަ އަނބުރާ ގެންދެވީ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ.
"ނަމަވެސް އިތުރަށް ފާހަގަކުރަންޖެހޭ ބައެއް ކަންތައްތަކެއް ހުރުމާއިއެކު އެކަން އިޞްލާޙުކޮށްފައި މަޖިލީހަށް ވައްދާނަން. އަދި ނުނިމޭ. ޕީޖީ ބިޝާމް ބޭރު ކުރެވޭނެ،" މެންބަރު ޢަބްދުﷲ ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވިއެވެ.
ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މެމްބަރު އަހުމަދު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވީ ޤާނޫނުއަސާސީން ޕީޖީއާ ހަވާލުކުރައްވާފައިވާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އަދާ ނުކުރައްވާކަމަށް ބުނެއެވެ.
އެގޮތުން އޭނާ ފާހަގަކުރި ބައެއް ނުކުތާތަކުގެ ތެރޭގައި ދިޔަ ސަރުކާރުން ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މަޖިލީހުގެ މެންބަރަކު ޖިނާޢީ ކުށެއްގެ ތުހުމަތުގައި ޕީޖީގެ އެދިވަޑައިގަތުކަމާއިނުކައި ބަންދުކޮށްފައި ބެހެއްޓިއިރު އެއީ ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމުގައި ޢަމަލު ކުރަން އޮންނަ އިޖުރާޢަތާއި ޚިލާފު ކަމެއް ކަމަށްވެސް ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ސަބަބުތަކުގެ ތެރޭގައި މެންބަރު ޢަބްދުﷲ ވަނީ ބަޔާންކޮށްފައެވެ.