ދުނިޔޭގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމުގައި އާބާދީގެ ނިސްބަތުން ބަލާއިރު މިހާތަނަށް އެންމެ ބޮޑު އެހީއެއް ވެދޭ އެއްޤައުމަކީ ދިވެހިރާއްޖެކަމަށް ތުރުކީގެ އިންސާނިއްޔަތަށް މަސައްކަތްކުރާ މައި ޖަމިއްޔާ އައިއެޗްއެޗް ހިއުމެނިޓޭރިއަން ރިލީފް ފައުންޑޭޝަންއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އައިއެޗްއެޗް ހިއުމެނިޓޭރިއަން ރިލީފް ފައުންޑޭޝަންގެ ފައުންޑަރ އަދި ބޯޑް އޮފް ޓްރަސްޓީސްގެ މެމްބަރ މުރާތް ޔިލްމާޒް ވިދާޅުވީ ވޭތުވެ ދިޔަ 2 އަހަރުގެ ތެރޭގައި ރާއްޖެއިން އެ ޖަމިއްޔާއާއި ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ އެހީތެރިވެފައިވާއިރު، ރާއްޖެއަކީ އެ ޖަމިއްޔާއިން އެހީއަށް ގޮވާލާ ގޮވާލުންތަކުގައި އެންމެ އަވަހަށް އިޖާބަދޭ އެއް ޤައުމުކަމަށެވެ. މި ސަބަބަށްޓަކައި ވޭތުވެ މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އީހާހާއަށް އެހީގެ ތަކެތި ހޯދުމުގައި މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންއާ، އީހާހާ ޖަމިއްޔާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ ބަދަހިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
1992 ވަނަ އަހަރު ބޮސްނިއާ ހަނގުރާމައިގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އުފެއްދި އައިއެޗްއެޗް ހިއުމެނިޓޭރިއަން ރިލީފް ފައުންޑޭޝަން ނުވަތަ އީހާހާ ޖަމިއްޔާއިން 150 ޤައުމުގެ ޖަމިއްޔާތަކަކާއެކު މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވާ މުރާތް ޔިލްމާޒް ވިދާޅުވީ ދިވެހިރާއްޖެއަކީ ޙާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީވުމުގައި އާބާދީގެ ނިސްބަތުން ބަލާއިރު މިހާތަނަށް އެންމެ ބޮޑު އެހީއެއް ވެދޭ އެއްޤައުމަށެވެ. އެގޮތުން ބަންގްލަދޭޝްގެ ކޯސް ބާޒާރާއި، ތުރުކީގެ ބޯޑަރު ސަރަހައްދަށް އެއްވެފައިތިބި ރެފިއުޖީންގެ މެދުގައި މިހާރު ދިވެހިރާއްޖެއަކީ މަޤުބޫލު ޤައުމެއްކަން އެނާ ފާހަގަކުރެއްވިއެވެ.
""އަޅުގަނޑުމެން ރެފިއުޖީންގެ ގާތުގައި އުޅެމުންދާއިރު ފާހަގަވާ އެއްކަމަކީ އެމީހުނަށް އެހީތެރިކަން ފޯރުކޮށްދޭ މީހުނަށް ލޯބިޖެހިފައިވާ މިންވަރު. އެގޮތުން ސޫރިޔާއާ ޣައްޒާ އަދި ރޮހިންޔާ ރެފއިުޖީން އެންމެނަށްހެން މިހާރު ދިވެހިރާއްޖެ އެނގޭ. މިއީ އަސްލު ވަރަށް އުފާވެރި މަންޒަރެއް."މުރާތް ޔިލްމާޒް ވިދާޅުވިއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭންއިން ޔަމަނުގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީވުމަށް ފެށި "ހެލްޕް ޔަމަން މޯލްޑިވްސް" ކެމްޕޭން ފައްޓަވައިދެއްވުމަށް ރާއްޖެވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ އީހާހާ ޖަމިއްޔާގެ ރީޖަނަލް އެކްސްޕަރޓް މުރާޓް ޖުމަޔޭވް ވިދާޅުވީ މިފަދަ ކޮންމެ ކެމްޕޭނަކުންވެސް ދިވެހިންގެ ހިތްހެޔޮކަމާއި އުއްމަތް ދެކެ ދިވެހިންވާ ވާލޯބި ހާމަވެގެންދާކަމަށެވެ. މިއިން ކެމްޕޭނަކަށް ދޭ ކިތަންމެ ކުޑަ އެހީއަކީވެސް ޙާލުގައި ޖެހިފައިތިބި ފަރާތްތަކަށް ލިބިގެންދާ ބޮޑު އެހީއެއްކަން ސިފަކުރައްވާ އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކެމްޕޭންތަކަށް ރާއްޖެއިން އެހީ ލިބެމުންދާކަމަށް އުންމީދު ކުރައްވާކަމަށެވެ.
"އަޅުގަނޑުމެން ވޭތުވެ ދިޔަ ތަނުގައި އެތައް ބައިވަރު ޖަމިއްޔާތަކަކާއިއެކު މަސައްކަތް ކޮށްފައިވާއިރު ރާއްޖެއަކީ އެހީ ފޯރުކޮށްދިނުމުގެ ހަރަކާތްތަށް ގިނަ އަދަދަކަށް ހިންގާ ޔަންގް ލީޑަރ އެއް. މިފަދަ ގިނަ ޖަމިއްޔާތަކެއް އެއްވެގެން އިސްލާމީ އުއްމަތްކުރިއަރާނީ. މިސަބަބަށްޓަކައި އަޅުގަނޑުވަރަށް އުފާވޭ. މި ފަހަރުގެ ކެމްޕޭންވެސް ވަރަށް ކާމިޔާބު ވާނެކަމަށް އުންމީދުކުރަނީ." މުރާޓް ޖުމަޔޭވް ވިދާޅުވިއެވެ.
"ހެލްޕް ޔަމަން މޯލްޑިވްސް"ގެ ނަމުގައި އަންނަ މަހުގެ 25 ހާއި ހަމައަށް ޔަމަނުގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީވުމަށް ކެމްޕޭނެއް ފަށާފައިވާއިރު މިކެމްޕެއިންގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 120 އަށްވުރެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެކި ކައުންސިލްތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނަކީ 2016 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވެދެމުންދާ އަމިއްލަ ޖަމްޢިއްޔާއެކެވެ. އެގޮތުން ސޫރިޔާ، މިޔަންމާ، ޣައްޒާ ފަދަ ސަރަޙައްދުތަކުގައި ޙާލުގައިޖެހިފައިވާ މީހުންނަށް ފައިސާގެ ގޮތުންނާއި ޒަރޫރީ ބޭނުންތަކަށް ފުދޭ ތަކެތިވެސް އެ ޖަމްޢިއްޔާ މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންނެވެ.