ޚަބަރު

ޓެކްސީ ބޯޑުތަކުން ފީ ނެގުން ހުއްޓާލައިފި


ޓެކްސީ ބޯޑުން ނަގާ ފަންސާސް ހާސް ރުފިޔާގެ ފީ ނެގުން ހުއްޓާލުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވީ ފުރަތަމަ 7 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ 3 ކަމެއް މިހާރު ފުރިހަމަކޮށްފައިވާކަމަށެވެ. އެއީ ޓެކްސީ ބޯޑުން ފީ ކަނޑާލުމާއި، ދައުލަތުގެ ބޭނުމަށް ފަޅުތެރެއިން ނަގާފައިވާ ތަންތަން ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމާއި، މަގުމަތީގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ޤަވައިދުން ނަގަން ފެށުމެވެ.

އެގޮތުން ޓެކްސީ ބޯޑުތަކުން ފީނެގުން އާދިއްތަ ދުވަހުން ފެށިގެން ހުއްޓާލާނެކަމަށާއި، މި ހަފްތާގެ ތެރޭގައި މަގުމަތީގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ފުލުހުންގެ އެހީތެރިކަމާއިއެކު ނަގަންފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އާދިއްތަ ދުވަހުން ފެށިގެން ޓެކްސީ ބޯޑުން ފީނެގުމެއް ނޯންނާނެ. ދެން އޭގެ ފަހުގައި ފުލުހުންގެ ބޭފުޅުން މަގުމަތީގައި ނަގަންޖެހޭ ވެހިކަލް ނެގުމުގެ މަސައްކަތްވެސް ކުރަމުންދާނެ. އެކަން މީގެ 2 ދުވަހެއް ކުރިން ފައްޓައިފި." އައިޝަތު ނަހުލާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ކުރުމަށް ރާވާފައިވާ ގިނަ ކަންތައްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ކުޑަކުރުމާއި، އެއްޤަމު ދަތުރުފަތުރާއި ބެހޭ ޤާނޫނާއި ޤަވާޢިދު ހަރުދަނާކުރުމުގެ އިތުރުން މުޅި ރާއްޖޭގެ ޓްރާންސްޕޯރޓް މާރސްޓަރ ޕްލޭނެއް ހެދުންވެސް ހިމެނެއެވެ.