ވިޔަފާރި

"މޯލްޑިވްސް ބިޒްނަސް އެވޯޑް"ގެ ގާލާ ނައިޓް ޑިސެމްބަރު 22 ގައި..


މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ގާލާ ނައިޓް ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ބޭއްވުމަށް ނިންމައިފިއެވެ

ކުރިން މިއެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި އޮތީ ޖުލައި މަހު ނަމަވެސް، ފަހުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަން ހުރި ގޮތުން އެވޯޑް ބޭއްވުން ވަނީ ފަސްކޮށްފައެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އަމިއްލަ މާރކެޓިން އެންޑް ޕީއާރު ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކުން ދޭ އެވޯޑެކެވެ.

މިއެވޯޑް ދިނުމުގެ މަޤްސަދަކީ ފެންވަރު ރަނގަޅު އަދި ފާހަގަކުރެވޭ ޚިދުމަތްތައް ދިނުމުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އަގުވަޒަން ކުރުން ކަމަށް ބްލޭޒަންއިން މައުލޫމަތުދެއެވެ. އަދި އެކި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް މަސައްކަތްކުރާ ކުންފުނިތަކުގެ އައު އީޖާދުތަކާ، އުފެއްދުންތައް ތައާރަފްކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާ ކުންފުނިތަކާ، މި މަސައްކަތުގައި އުޅޭ މީހުން ފާހަގަކުރުމެވެ.

ބިޒްނަސް އެވޯޑްގެ ގާލާ ނައިޓްގައި ދުއިސައްތަ ފަންސާހެއްހާ މީހުން ބައިވެރިވާނެކަމަށް ބްލޭޒަންއިން މައުލޫމާތުދެއެވެ. އަދި މިއެވޯޑްގައި ބައިވެރިކޮށްފައިވާ ނޮމިނޭޝަންސްތަކުގެ ތެރެއިން ކެޓަގަރީތައް ކާމިޔާބު ކުރިފަރާތްތައް ހޮވަނީ ހާއްސަ ޖަޖިން ޕެނަލެއްގެ އިތުރަސް، އެސްއެމްއެސް ވޯޓުގެ ޒަރިއްޔާއިން ކަމަށް ބްލޭޒަންއިން ބުނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ ތެރެއިން ވިޔަފާރީގެ ދާއިރާގެ އެކްސަލަންސް އަދި އެލީޓް ކެޓަގަރީއިންވެސް އެވޯޑު ދިނުމަށް ހަމަޖެހިފައިވެއެވެ.