ޚަބަރު

އަމާނަތަކާފުލްއިން "ބެންކަރތަކާފުލް"ގެ ޙިދުމަތް ތަޢާރަފްކޮށްފި


އަމާނަތަކާފުލް އަދި މޯލްޑިވްސް އިސްލާމިކް ބޭންކު ގުޅިގެން "ބެންކަރ ތަކާފުލް"ގެ ނަމުގައި އައު ޙިދުމަތެއް ތަޢާރަފްކޮށްފިއެވެ.

"ބެންކަރތަކާފުލް" ގެ ޙިދުމަތް ތަޢާރަފްކުރުމަށްފަހު ވާހަކަދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކްޓިންގ ސީއީއޯ އަޙްމަދު ރިޒާ ވިދާޅުވީ، މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ ޙިދުމަތެއްކަމަށެވެ. އެގޮތުން މި ޙިދުމަތުގެ ދަށުން އަމާނާ ތަކާފުލްއިން ފޯރުކޮށްދޭ ހުރިހާ ޙިދުމަތެއް އިސްލާމިކް ބޭންކުގެ ބުރާންޗްތަކުން މިއަދުން ފެށިގެން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަމަނާ ތަކާފުލްގެ ހުރިހާ ހިދުމަތްތަކެއް އަޅުގަނޑުމެންގެ ކައުންޓަރުތަކުން ލިބިގެންދާނެ ވާހަކަ ދަންނަވާލަން، މިއާއެކު އަޅުގަނޑު އުއްމީދު ކުރަނީ އެމްއައިބީގެ ހިދުމަތްތަކާއި ޕްރޮޑަކްޓްތައްވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށް". އަޙްމަދު ރިޒާ ވިދާޅުވިއެވެ.

މި ޙިދުމަތް ތައާރަފްކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބި، އެމް.އައި.ބީ އަދި އަމާނާތަކާފުލްއިން ފޯރުކޮށްދޭ ޙިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެކަމަށް އަމާނާތަކަފުލްއިން މައުލޫމާތުދެއެވެ. އަދި އެމްއައިބީ މެދުވެރިކޮށް ކުރިއަށް އޮތްތަނުގައި އިތުރު ތަކާފުލް މާކެޓަށް ނެރޭނެކަމަށް އަމާނަތަކާފުލްއިން މައުލޫމާތުދެއެވެ.

މިހާރު އަމާނާތަކާފުލްއިން ފޯރުކޮށްދެމުން ދަނީ މައިގަނޑު 3 ތަކާފުލް ނުވަތަ އިންޝުއަރެންސްގެ ޚިދުމަތްތަކެވެ. އެއީ އުޅަނދު ފަހަރުތަކަށާއި، އިމާރާތްތަކަށް އަދި ކާގޯއަށްދޭ އިންޝުއަރެންސެވެ.

"ބެންކަރ ތަކާފުލް" ގެ ޙިދުމަތް މިހާރު ލިބޭނީ އިސްލާމިކް ބޭންކްގެ މާލެ، ހުޅުމާލެ، އައްޑޫ އަދި ފުވައްމުލަކު ބުރާންޗުންނެވެ. ކުރިއަށް އޮތްތަނުގައި އިތުރު ބުރާންޗްތަކަށް މި ޙިދުމަތް ތަޢާރަފްކުރާނެކަމަށް އެ ބޭންކުން ބުނެއެވެ.