ވިޔަފާރި

ރާއްޖެ އިސްތިހާރުކުރުމަށް މިއަންނަ އަހަރުވެސް ގިނަ ރޯޑް ޝޯވ، ފެއަރތަކުގައި ބައިވެރިވާނަން - މަޓާޓޯ


ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާ، މަޓާޓޯއިން އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ މަސައްކަތް ބޮޑަށް ކުރިއަށްގެންދާނީ، ސަރުކާރުގެ ކަމާއިބެހޭ އިދާރަތަކާއި ގުޅިގެންކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، އަންނަ އަހަރު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރުމުގެ މަސައްކަތް އެޖަމިއްޔާއިން ކުރިއަށްގެންދަނީ، ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީ ގުޅިގެންކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކާބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެމުން އަބްދުﷲ ގިޔާސް ވިދާޅުވީ މިދިޔަ އަހަރަށްވުރެ ގިނަ ފެއަރތަކާ، ރޯޑް ޝޯވތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް މަޓާޓޯއިން އިސްނަގައިގެން މިއަހަރު ބައިވެރިވިކަމަށެވެ. އަދި މި ދާއިރާއާއި ގުޅުންހުރި ފަންނީ ތަމްރީންތައްވެސް މިއަހަރު ގިނަ އަދަދަކަށް ކުރިޔަށް ގެންދިޔަކަން ގިޔާސް ފާހަގަކުރިއެވެ. ގިޔާސް ވިދާޅުވީ އަންނަ އަހަރުގެ ޕްލޭނަށް ބަލާއިރު، ސަރުކާރާ ގުޅިގެން މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ކަންތައްތައް މަޓާޓޯއިން ރާވާނެކަމަށެވެ.

"މިއަންނަ އަހަރުގެ ފެއަރ ލިސްޓް ޕްލޭން ކުރަން ފަށައިފިން. ދެން އަޅުގަނޑަށް ހީވަނީ މިފަހަރު އަޅުގަނޑުމެން ބޮޑަށް މަސައްކަތްކުރާނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި އެމްއެމްޕީއާރުސީއާވެސް ގުޅިގެން ހެން. ކުރިންވެސް އަޅުގަނޑުމެން އެފަރާތްތަކާ ވާހަކަ ދައްކާ އެފަރާތްތަކުން ބައިވެރިނުވާ ފެއަރތަކާ ރޯޑް ޝޯވތަކަށްދަނީ. އަޅުގަނޑުމެންގެ އޭޖީއެމްގައި ދެން މީގެ އިތުރު ތަފްސީލް ހާމަކަކުރާނަން" ގިޔާސް ވިދާޅުވިއެވެ.

ގިޔާސް ވިދާޅުވީ މަޓާޓޯއިން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ބައިނަލްއަޤްވާމީ ދެ ފަރާތަކާ ގުޅިގެން ގިނަ ތަމްރީންތަކެއް ރާއްޖޭގައި ހިންގާފައިކަމަށެވެ. އަންނަ އަހަރުވެސް މިފަދަ ގިނަ ތަމްރިން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަސް ގިޔާސް ވިދާޅުވިއެވެ.
މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރުމަށް މަޓާޓޯއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ މިހާތަނަށް 13 ޤައުމެއްގައި ބޭއްވި 16 ހަރަކާތެއްގައި ބައިވެރިވިފައިވާކަމަށް މަޓާޓޯއިން ބުނެއެވެ.