ވިޔަފާރި

ސޮނޭވާ ލަގްޒަރީ ސީޕްލޭންގެ ޚިދުމަތް ރާއްޖޭގައި ހިންގާ އެކުންފުނީގެ ރިސޯޓްތަކަށް ފަށަނީ


ސޮނެވާ ރިޒޯޓްސްގެ ލަގްޒަރީ ސީޕްލޭން ހިދުމަތްތައް ރާއްޖޭގައި ހިންގާ އެކުންފުނީގެ ރިޒޯޓުތަކަށް ފަށަން ނިންމައިފިއެވެ.

ސޮނޭވާއިން ބުނީ، ލަގްޒަރީ މި ސީޕްލޭނަކީ، ސޮނެވާ ރިޒޯޓްސްގެ ކޮންސެޕްޓަށް ފެތޭގޮތަށް ސީޕްލޭންގެ އެތެރެ ޑިޒައިންކޮށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ބޯޓެއްކަމަށެވެ. ދިހަ ސީޓުގެ މި ސީޕްލޭންގެ ޚިދުމަތް ސޮނެވާ ރިޒޯޓުތަކަށް ފެށުމަށްޓަކައި ބޭނުންވާ ބޯޓު ކެނަޑާއިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ސޮނޭވާއިން ބުނެއެވެ.

ސޮނެވާ ގްރޫޕުން މައުލޫމާތުދޭގޮތުގައި އެކުންފުނީގެ ރާއްޖޭގެ ރިޒޯޓުތަކަށް މިސީޕްލޭންގެ ހިދުމަތް ދޭން ފެށޭވަރުވާނީ މިއަންނަ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ސޮނެވާގެ ފަތުރުވެރިންނަށް ބ އަތޮޅު ސޮނެވާފުށި އަދި ނ އަތޮޅު ސޮނެވާ ޖާނީއަށް ދަތުރުކުރުމަށް މި ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ. ލަގްޒަރީ މި ސީޕްލޭންގެ ހިދުމަތް ފަތުރުވެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ދެކޮޅަށް 1100 ޑޮލަރަށެވެ.

1995ވަނަ އަހަރު ސޮނެވާ ގްރޫޕުން ރާއްޖޭގައި ހިންގަން ފެށި ސޮނެވާ ފުށީގައި 65 ބީޗްވިލާ ހިމެނޭއިރު، އެކުންފުނީގެ ރާއްޖޭގައި ހުޅުވި ދެވަނަ ރިޒޯޓު، ސޮނެވާ ޖާނީގައި 24 މޫދު ކޮޓަރި ހިމެނެއެވެ. މި ދެރިޒޯޓަކީވެސް ލަގްޒަރީ ހިދުމަތް ފޯރުކޮށްދޭ ދެރިޒޯޓްކަން ފާހަގަކޮށްލެވެއެވެ