ގެސްޓްހައުސް ހިންގުމާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ޤަވާއިދުތަކަށް ބަދަލުގެނައުމަށް ހުށަހެޅުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ގެސްޓްހައުސް ހިންގުމާއި ބެހޭ ޤަވައިދު އެކުލަވާލާފައިވަނީ ރާއްޖޭގައި އަލަށް ގެސްޓް ހައުސް ފެށި އިރު އެދުވަސްވަރާއި އެކަށީގެންވާ ގޮތަށްކަމަށެވެ. ރާއްޖޭގައި ގެސްޓްހައުސްގެ ދާއިރާ މިހާރު ވަރަށްބޮޑަށް ކުރިއަރާފައިވާކަން ފާހަގަކުރައްވަމުން ކަރަމް ވިދާޅުވީ، ގެސްޓްހައުސް ހިންގުމާއިބެހޭގޮތުން ކުރިން ހަދާފައިވާ އެޤަވައިދުތައް މިހާރު ބަދަލުވާންޖެހޭކަމަށެވެ.
" ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓް ހައުސް ހިންގުމާއި ބެހޭ ޤަވައިދަކީ އަލަށް ފެށިއިރު އޮތް ޤަވައިދުތަކެއް. މިވީ ދުވަސްތަކުގެ ތެރޭގައި ޤަވައިދުގެ ތެރެއަށް އަޅުގަނޑުމެންނަށް އިސްލާހުކުރަން ފެންނަ ބައެއް މާއްދާތަކަށް ސަރުކާރަށް ހުށަހަޅަންވީ އެންމެ އަވަސް ފުރުސަތެއްގައި ގެސްޓް ހައުސް ހިންގުމާއިބެހޭ ޤަވައިދަށް ބަދަލުތަކެއް ހުށަހަޅަން އަޅުގަނޑުމެން ނިންމާފައިވާނީ" ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް ވިދާޅުވިއެވެ.
ކަރަމް ވިދާޅުވީ ގެސްޓްހައުސް ހިންގުމާއި ބެހޭގޮތުން މިހާރު އަމަލުކުރަމުންދާ އުސޫލުތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭކަމަށެވެ.
"ފާހަގަކޮށްލަން ބޭނުންވޭ ފެކްސް ލައިނެއް ނެތިއްޔާ ގެސްޓްހައުސް ރަޖސިްޓްރޭޝަންއެއް ނުލިބޭ. އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ކުޑަ ކުޑަކަމެއްހެން. އެއީ މިވަގުތަކު އެއްވެސް ބޭފުޅަކު ފެކްސް ލައިންއެއް ބޭނުމެއް ނުކުރޭ. އޭގެ އިތުރަށް މިވަގުތު ޓޫރިސްޓް ބީޗްތައް އޮންނާނީ ކައުންސިލްގެ ދަށުން. އެހެންނަމަވެސް ޤަވައިދެއްގެ ތެރެއިން ރަނގަޅު އުސޫލެއްގެ ތެރެއިން އެކަމުގެ ފުރުސަތު ލިބިއްޖިއްޔާ ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. ގެސްޓްހައުސް ހިންގުމަށްޓަކައި ބޭނުންވޭ ކައުންސިލްގެ ސިޓީއެއް. ބައެއް ރަށްރަށުގައި ވިޔަފާރިކުރާ ފަރާތްތަކަށް އެކަން ނުކުރެވި އެބައޮތް އެސިޓީ ނުލިބިގެން" ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް ވިދާޅުވިއެވެ.
ކަރަމް ވިދާޅުވީ މި ޤަވާއިދުތަކަށް ބަދަލުގެނައުމަށް ޓޫރިޒަމް މިނިސްޓަރާއި މިހާރު ހިއްސާކޮށްފައި ވާނެކަމަށެވެ. އަދި އަވަސް މުސްތަޤްބަލެއްގައި މިކަން ކުރެވި ގެސްޓް ހައުސް ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެކަމުގެ ވަރަށްބޮޑު ހަގީންކަމެއް ލިބިފައިވާކަމަށްވެސް ކަރަމް ވިދާޅުވިއެވެ.
ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް އެހީތެރިވެދީ އެވިޔަފާރިތައް ކުރިއެރުވުމަށްޓަކައި 2014 ވަނަ އަހަރު އުފެއްދި އަމިއްލަ ޖަމިއްޔާއެކެވެ. ފާއިތުވި އަހަރުތަކުގައި މި ޖަމިއްޔާއިން ވަނީ ރާއްޖޭގެ ގެސްޓް ހައުސް ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށުގައި ގާތްގަނޑަކަށް 520 ގެސްޓްހައުސް ހުރެއެވެ.