ޚަބަރު

މަޑިފުށީ ދާއިމީ ހިޔާގެ 36ގެއެއް ގެތަކުގެ ވެރިންނާއި ހަވާލުކޮށްފި


ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު
އެއް ރަށް ކަމުގައިވާ ކޮޅުމަޑުލު މަޑިފުށީގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން
ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ހިންގާ އެންމެ ފަހު ފިޔަވަހީގެ 41 ގޭގެ
ތެރެއިން 36 ގެއެއްގެ މަސައްކަތް ނިންމާ އެ ގެތަކުގެ ވެރިންނާއި ޙަވާލުކޮށްފިއެވެ.



މީގެ ތެރެއިން ނުނިމިވާ ފަސް ގޭގެ މަސައްކަތް
ދެދުވަހެއްގެ ތެރޭ ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.



ސުނާމީ ކާރިސާއަށް ދިހަ އަހަރު ފުރޭއިރު، އެ
ކާރިސާއާ ގުޅިގެން ގެދޮރުގެއްލުނު ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދީ
ނިންމުމަށް، ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ކޮޅުމަޑުލު
މަޑިފުށީގައި ހަދަމުންދިޔަ 41 ގޭގެތެރެއިން ނިމިފައިވާ 36 ގެ އެގެތަކުގެ
ވެރިފަރާތްތަކާ ހާވާލުކޮށްދެއްވީ އެކަމަށްޓަކައި މަޑުށީގައި ރަސްމިއްޔާތެއްގައި
ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިޒްއެވެ.

މިނިސްޓަރ ވިދާޅުވީ، މަޑިފުށީގައި
ހަވާލުނުކުރެވިވާ ހަ ގޭގެވެސް ބޮޑުބައި ނިމިފައިވާކަމަށާއި މިހާރުކުރަމުންދަނީ
އެންމެފަހުގެ މަސައްކަތްތައްކަމަށެވެ. މަޑިފުށީގެ ގެތައްވެސް ނިންމުމަށް ސަރުކާރުން
ގިނަމަސައްކަތްތަކެއް ކުރައްވަމުންދާކަމަށާއި، އެގޮތުން ހައުސިންގ މިނިސްޓްރީގެ ދެ
ސްޓޭޓް މިނިސްޓަރުން ރަށުގައި ތިއްބަވައިގެން ކޮންޓެކްޓަރުން މަސައްކަތް
ކުރާމިންވަރުބަލައި އެމަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވަމުންދާކަން
ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިހާރު ގެތަށް ހަވާލުކުރިނަމަވެސް މީހުން
ދިރިއުޅެން ފެށުމުން ދިމާވާ ކަންކަން ހައްލުކުރުމަށް "ޑިފެކްޓް ލައިބްލިޓީ
ޕީރިއެޑް"ގެ ތެރޭގައި ވެސް މަސައްކަތް ކުރަމުންދާނެކަމަށެވެ.



މަޑިފުށީ ކައުންސިލްގެ ރައީސް މުޙައްމަދު އަނީސް ވިދާޅުވީ
ގިނަދުވަސްތަކަކަށްފަހު ރަށުގެ އެންމެނަށް ބޯހިޔާވަހިކަން ލިބުމުން ރައްޔިތުންތިބީ
ހިންމަހަޖެހިފައި ކަމަށާއި، ކުރިޔަށްއޮތްތަނުގައި ރަށުގެ އުމްރާނީ ތަރައްގީގެ އިތުރު
މަސައްކަތްތަށް ފަށައިގަނެވޭނެކަމަށެވެ.



އަލަށް ގެތަކާއި ހަވާލުވި މަޑިފުށީގެ
ރައްޔިތުންބުނީ، ގެތަކުގައި އަދިވެސް ކުދިކުދި މަސައްކަތްތައް ނުނިމި
އެބަހުރިކަމަށާއި، އެކަންކަން ފާހަގަކުރެވޭނީ ދިރިއުޅެން ފެށުމުންކަމަށެވެ. އެހެން
ނަމަވެސް އެފަރާތްކުން ބުނަމުންދަނީ، ދިހަ އަހަރަށްފަހު ގެތަށް ލިބުމުން އެކަމުގެ
ހިންހަމަޖެހުން ލިބޭކަމަށެވެ.



2004 ވަނަ އަހަރުގެ ސުނާމީގައި އެންމެ ބޮޑަށް
ގެއްލުންލިބުނު ހަތަރު ރަށުގެ ތެރޭގައި ހިމެނޭ މަޑިފުށީގައި މީގެ ކުރިންވެސް ވަނީ
ދެފިޔަވައްސެއްގައި ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެގޮތުން ފުރަތަމަ
ފިޔަވަހީގައި 54 ގެ، އަދި ދެވަނަ ފިޔަވަހީގައި 78 ގެއެއްވަނީ އެރަށުގައި
ބިނާކޮށްފައެވެ. އެހެން ކަމުން ސުނާމީއަށްފަހު މަޑިފުށީގެ ހުރިހާގެތަށްވެސްވަނީ
މުޅިން އަލަށް އިމާރާތްކޮށްފައިކަން ފާހަގަކުރެވެއެވެ.