ޚަބަރު

ގއ ގައި އިމާރާތްކުރާ 298 ގޭގެ ތެރެއިން 50 ގެ ނިމި ހަވާލުކޮށްފި


ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީ ކާރިޘާއާއި ގުޅިގެން  ހުވަދު އަތޮޅު އުތުރުބުރީގެ ހަތަރު ރަށެއްގައި ސަރުކާރުން ހަދަމުންގެންދާ 298 ގޭގެ ތެރެއިން 50 ގެ މިހާތަނަށް ނިމި ގެތަކުގެ ވެރިންނާއި ޙަވާލުކޮށްފިއެވެ.ގއ. ގައި ގެތައް އަޅަމުން ގެންދަނީ، ވިލިނގިލި، މާމެންދޫ، ނިލަންދޫ އަދި ދާންދޫގައެވެ.އަންނަ ހުކުރުދުވަހުގެ ކުރިން ސުނާމީ ކާރިޘާއާއި ގުޅިގެން އިމާރާތް ކުރަމުން އަންނަ ގެތައް ނިންމުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.ގއ.ގެ ހަތަރު ރަށެއްގައި 298 ގެ އިމާރާތް ކުރަމުން އަންނަ އިރު އެގެތަކުގެ ތެރެއިން ގިނަ ގެތައް ވަނީ ނިމިފައެވެ. އަދި ބައެއް ގެތަކުގައި މިހާރު ކުރިއަށް ދަނީ، ފިނިޝިންގެ މަސައްކަތްތަކެވެ. މި މަސައްކަތް ކުރިއަށް ދާގޮތް ފިނޭންސް މިނިސްޓަރ ޖިހާދާއި ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ގެންދަވަނީ، އެރަށްރަށަށް ވަޑައިގެން ބައްލަވާ ކުރަން ހުރި ކަންތައް ނިންމުމުގެ މަސައްކަތް ކުރައްވަމުންނެވެ.މީގެ ތެރެއިން ގއ.ވިލިނގިލީގައި 77ގެ އެޅުމުގެ މަސައްކަތް ކުރިއަށް ދާއިރު، އޭގެ ތެރެއިން 31ގެ އިއްޔެ ވަނީ އެގެތަކުގެ ވެރިންނާއި ހަވާލުކޮށްފައެވެ.  މީގެ ކުރިން އެއްގެ ހާވަލުކޮށްފައިވެއެވެ. މި ގެތައް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ، ވިމްލާ ކޮސްޓްރަކްޝަންއާއި އެމް.އާރ.ޑީ.ސީންނެވެ.ގއ.މާމެންދޫގައި 84ގެ އެޅުމުގެ މަސައްކަތް ކުރިއަށް ދާއިރު، މީގެ ތެރެއިން އެމް.އެން.ޑީ.އެފްއިން އިމާރާތްކުރި 34ގެ މިހާރު ވަނީ އެގެތަކުގެ ވެރިންނާއި ހަވާލު ކޮށްފައެވެ. މަސްދުވަހުގެ މަސައްކަތުން ސިފައިން ނިންމި މިގެތަކުގެ އިތުރުން ސިފައިން ވަނީ، އެރަށުގެ އެހެން ގެތައް ނިންމުމުގައިވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. މާމެންދޫގެ ބާކީ ހުރި ގެތައް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަނީ، އަމިއްލަ ކޮންސްޓަރަކްޝަން ގުރޫޕްތަކުންނެވެ.ގއ. ނިލަންދޫގައި ސުނާމީ ކާރިޘާއާއި ގުޅިގެން 50 ގެއެއް އިމާރާތް ކުރަމުން ދާއިރު، އޭގެ ތެރެއިން 6 ގެ ވަނީ އެގެތަކުގެ ވެރިންނާއި ހަވާލު ކޮށްފައި. މިރަށުގައި މަސައްކަތް ކުރަމުންދަނީ، އެމް.ޓީ.ސީ.ސީއާއި އަމިއްލަ ކުންފުނިތަކުންނެވެ.ސުނާމީ ކާރިޘާއާއި ގުޅިގެން އެންމެ ގިނަ އަދަދެއްގެ ގެ އަޅަމުން ގެންދަނީ، ގއ. ދާންދޫގައެވެ. އެރަށުގައި 87ގެ އަޅަމުން ދާއިރު، އެގެތަކުގެ ތެރެއިން 7ގެ މިހާރުވަނީ އެގަތަކުގެ ވެރިންނާއި ހަވާލުކޮށްފައެވެ. މިގެތަކުގެ ވެރިން ބުނީ، ސުނާމީ ކާރިޘާއަށް 10 އަހަރަށް ފަހު ދާއިމީ ހިޔަލަކަށް ދެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.ހައުސިން މިނިސްޓަރ ވިދާޅުވީ، ގެތައް ހަވާލުކޮށް ނިމުނު ނަމަވެސް ގެތަކުގެ މަރާމާތުގެ މަސައްކަތް 1 އަހަރު ދުވަސް ވަންދެން ކޮންޓްރެކްޓަރ ކުރަމުން ގެންދާނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ހުރިހާ ގެއެއްވެސް 26 ޑިސެމްބަރުގެ ކުރިން ގެތަކުގެ ވެރިންނާއި ހަވާލުކުރުން ކަމަށެވެ.ސުނާމީގައި ދާއިމީ ހިޔާވަހިކަން ހަވާލުކުރާއިރު، ސަރުކާރުން ދަނީ، ކޮންމެ ގެއަކަށް ފަސްހާސް ރުފިޔާގެ އެލަވަންސެއް ދެއްވަމުން. އަދި ފަހުން ވިހިހާސް ރުފިޔާ ދޭ ގޮތަކަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.