ޚަބަރު

ސައުދީ ޢަރަބިއްޔާ އާއި ޔޫ.އޭ.އީއަށް ޑްރޯން ހަމަލާ ނުދޭން ހޫޘީން ނިންމައިފި


ޔަމަނުގައި ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސަރަހައްދީ ބާރުތައް ކަމަށްވާ ސައުދީ ޢަރަބިއްޔާ އާއި ޔޫ.އޭ.އީއަށް ޑްރޯން ހަމަލާތަކާއި މިސައިލް ހަމަލާތައް ދިނުން ހުއްޓާލާނެކަން ހޫޘީ ޖަމާޢަތުން އިޢުލާނުކޮށްފިއެވެ. އެ ޖަމާޢަތުން ބުނީ މި ޤައުމުތަކަށް ހަމަލާދިނުން ހުއްޓާލަނީ އދގެ އެދުމުގެ މަތިންކަމަށެވެ.

މިކަމާ ބެހޭގޮތުން ހޫޘީ ހަނގުރާމަވެރި ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމާޢަތުން މިފަދަ ހަމަލާތައް ދިނުން ހުއްޓާލަނީ ޔަމަނުގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް އދން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށާއި ހޫޘީ ހަނގުރާމަވެރިން ސުލްޙައިގެ މަސައްކަތްތައް އެއްބާރުލުން ދޭކަން ދެއްކުމުގެ ގޮތުންކަމަށެވެ. އެ ޖަމާޢަތުން މި ޤައުމުތަކަށް މިފަދަ ހަމަލާތައް ދީ ހަދަނީ އެގައުމުތަކުން ޔަމަނުގެ ޢާއްމުންނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދޭތީ ކަމަށް، އެ ޖަމާޢަތުން މީގެ ކުރިން ބުނެފައިވެއެވެ.

2015 ވަނަ އަހަރުއްސުރެ ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް 10،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އދން މިހާރު ދަނީ މިކަމަށް ސިޔާސީ ހައްލެއް ހޯދުމަށް ސުލްޙައިގެ ވާހަކަތައް ބޭއްވުމުގެ މަސައްކަތްތައް ކުރަމުންނެވެ. އދން ހުކުރު ދުވަހު ބުނެފައިވަނީ މިފަދަ ވާހަކަތަކެއް ބޭއްވުމަށް ހުރިހާ ފަރާތަކުން މިހާރު އެއްބަސްވެފައިވާކަމަށެވެ.