ވިޔަފާރި

ހުޅުމާލޭގެ ދަތުރުފަތުރުގެ ހިދުމަތަށް އައު ކުންފުންޏެއް އުފައްދަނީ


ހުޅުމާލޭގައި އާއްމު ދަތުރުފަތުރު ކުރުމާއި، ފެރީގެ ޚިދުމަތް ދިނުމަށް އަމިއްލަ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.މި ކުންފުނި އުފެދުމާއެކު، ހުޅުމާލޭގައި ދެމުންދާ ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަތް މި ކުންފުނީގެ ދަށަށް ގެނެވޭނެކަމަށް އެޗް.ޑީ.ސީން މައުލޫމާތުދެއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަހުމަދު ވިދާޅުވީ، މި ކުންފުނި އުފެއްދުމުގައި އެޗް.ޑީ.ސީގެ އިތުރުން ހުޅުމާލޭގައި ފެރީގެ ޚިދުމަތް މިހާރުވެސް ދެމުން އަންނަ އެމްޓީސީސީއާއި، އެމް.ޕީ.އެލްގެ ހިއްސާ އޮންނާނެކަމަށާއި، އެފަރާތްތަކާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ. އަދި ސަރުކާރުގެ މަޝްވަރާއާއިއެކު  ކައިރި މުސްތަޤުބަލެއްގައި ކުންފުނި ވުޖޫދަށް ގެނެއުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ސުޙެއިލް ވިދާޅުވިއެވެ.ސުހެއިލް ވިދާޅުވީ، ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށްޓަކައި އަމިއްލަ ކުންފުންޏެއް އުފައްދަން ނިންމީ، މިހާރު އެ ޚިދުމަތް ދެމުން އަންނަ އެމްޓީސީސީއަކީ ފެރީގެ ޚިދުމަތުގެ އިތުރުންވެސް، އެހެނިހެން މަޝްރޫޢުތައް ހިންގާ  ކުންފުންޏަކަށްވެފައި، އެ ކުންފުނީގެ ގިނަ އަދަދެއްގެ ވަސީލަތްތަކެއް ފެރީގެ ޚިދުމަތަށް ބޭނުންކުރަން ޖެހުމުން، އެ ޙިދުމަތް ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކަކާއި ދިމާވަވަމުންދާތީކަމަށެވެ. އަދި މިފަދަ ކުންފުންޏެއް އުފެއްދުމުން، ފެރީގެ ޚިދުމަތުގެ އިތުރުން، ހުޅުމާލޭގައި ދެވޭ އާއްމު ދަތުރުފަތުރުގެ ޚިދުމަތްތައްވެސް އެއް ކުންފުންޏެއްގެ ބެލުމުގެ ދަށަށް ގެނެވި، ޚިދުމަތް ދިނުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށްވެސް ސުހެއިލް ވިދާޅުވިއެވެ.އަލަށް އުފެދިގެންދާ ކުންފުންޏާއިއެކު، ގިނަ ޚިދުމަތްތަކެއް އަލަށް ދެވިގެންދާނެކަމަށްވެސް އެޗް.ޑީ.ސީއިން މައުލޫމާތުދެއެވެ. އެގޮތުން ފެރީގެ ޚިދުމަތް ދިނުމުގައިވެސް އާ ކަންތައްތަކެއް ތަޢާރަފުކުރެވި، އެއްގަމުދަތުރުފަތުރުވެސް މިހާރަށް ވުރެ ހަރުދަނާކުރެވިގެންދާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.