ޚަބަރު

ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރުމަށް އެދިއްޖެ


ހައިކޯޓުގައި ކުރިއަށްދާ ޕީޕީއެމްގެ ކޮންގްރެސްއާ ގުޅޭ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.

މިމައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންވަނީ، ފަނޑިޔާރު މުހައްމަދު ފައިސަލްއާއި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދުއެވެ.

ޕީޕީއެމްއާ ގުޅޭ މައްސަލަ ބަލާ ބެންޗު ބަދަލުކުރުމަށް އިލެކްޝަންސްއިން އެދުނީ މިމައްސަލައިގެ ޝަރީއަތްތަކުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ފައިސަލް، ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، ރައީސް ޔާމީންގެ މެމްބަރެއްގެ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަންގައި ހުރުމާއި، ފަނޑިޔާރު ހަސަން އަލީ، ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުގެ ކުރިން، ރައީސް ޔާމީންގެ ސިޔާސީ މަގާމްތަކުގައި މަސައްކަތް ކުރައްވާފައިވުމަކީ މަސްލަހަތު ފުށުއަރާ ކަމެއްގެ ގޮތުގައި އެކޮމިޝަނަށް ޤަބޫލުކުރެވޭތީއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން ރިޔާސީ އިންތިޚާބަށްފަހު ބޭއްވި ޤައުމީ ޖަލްސާގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ ހުކުމް އިއްވުން މިމަހުގެ 15 ވަނަ ދުވަހަށް ތާވާލުކުރުމަށްފަހު އިދާރީ ބައެއް ސަބަބުތައް ހުރިކަމަށް ބުނެ ހައިކޯޓުން ވަނީ ހުކުމް އިއްވުން ފަސްކޮށްފައެވެ.

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތް ސަބަބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ހައިކޯޓުގައި ބުނެފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތީ، ސިޔާސީ ޕާޓީތަކުން ކޮންގްރެސް ބޭއްވުމުގައި ފުރިހަމަކުރަންޖެހޭ އިޖުރަޢާތްތައް ފުރިހަމަ ކޮށްފައި ނުވާތީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައިކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި ޕީޕީއެމްގެ ޤާނޫނީ ޓީމުގެ ފަރާތުން ވިދާޅުވީ، އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޕާޓީގެ ސިޔާސީ ޙަރަކާތްތައް ހުއްޓިފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.