ސިޔާސީ

އަންނަ އަހަރު ފެށޭއިރު، ފައިސާ ދައުރުވުން ހަރުދަނާ ވެގެންދާނެ-


ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލްތައް ފާސްކޮށްފައިވުމުން އަންނަ އަހަރު ފެށޭއިރު، ދައުލަތުގައި ފައިސާ ދައުރުވުން ހަރުދަނާ ވެގެންދާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު އަދީބު ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރ އަދީބު ވިދާޅުވީ، އެހެން އަހަރުތަކުގައި ދައުލަތުގެ އާމްދަނީ ބިލްތަށް ފާސްވަނީ އަހަރުގެ މެދުތެރޭގައި ކަމަށްވުމުން ދައުލަތަށް ގެއްލުންވަމުންދާކަމަށެވެ. އެހެންކަމުން ޓީ-ބިލް ވިއްކައިގެން ދައުލަތުގެ އާމްދަނީ ހަމަޖެއްސުމަށް ސަރުކާރަށް މަޖުބޫރުވާކަމަށާއި، ނަމަވެސް އަންނަ އަހަރު ފެށުމުގެ ކުރިން އާމްދަނީ ބިލްތަށް ފާސްވެގެން ދިއުމުން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑުތަން ސަލާމަތްކުރެވިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ޖީ.ޑީ.ޕީ ދުވަހެއް ދުވަހަކަށް ދާނީ ފުޅާވަމުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ދަރަނީގެ މިންވަރުވެސް އެއްވަރެއްގައި ހިފެހެއްޓޭނެކަމަށެވެ.ޗައިނާގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަދީބް ވިދާޅުވީ، ޗައިނާގެ އެހީއާއި އެކު ކުރިއަށްދަނީ ފީސިބަލް މަސައްކަތްތަކެއްކަމަށެވެ. އަދި ޗައިނާގެ އެހީގައި ކުރިއަށްގެންދާ ދެވަނަ ރަންވޭ މަސައްކަތަށް ނަގާ ލޯނު، އެއަރޕޯޓުން ލިބޭ އާމްދަނީން އަދާކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މާލެ-ހުޅުލެ ބްރިޖްގެ މަޝްރޫއާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތަކީވެސް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.