ޚަބަރު

ބޭރުގެ ބައެއް ޢިއްޒަތްތެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ ބައެއް އިއްޒަތްތެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޚުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ޒިޔާރަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނައިކަ، މޮރޮކޯ ރަސްގެފާނުގެ މަންދޫބު، ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، މައުނިޔާ ބައުސެޓާއާއި ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން، ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދް ޙުސައިން، ޖަޕާނުގެ މެންބަރ އޮފް ހައުސް އޮފް ރިޕްރެޒެންޓޭޓިވް ވަޓަރު ޓަކެޝިޓާ އަދި ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ މުޙައްމަދު އަފީފް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުންތަކުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އެމަނިކުފާނު ޤާނޫނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ދެއްވުމަށް ދެއްވި ދައުވަތު ގަބޫލްކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޗަންދްރިކާ ބަންޑާރަނައިކައާއެކު ބޭއްވި ބައްދަލުވުމުގައި އެކަމަނާ ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހޮވިވަޑައިގެންނެވީތީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދެޤައުމުގެ ސިޔާސީ މަސްރަޙު މިވަގުތު އޮތް ޙާލަތާއިބެހޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މޮރޮކޯ ރަސްގެފާނުގެ މަންދޫބު މައުނިޔާ ބައުސެޓާއާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މައުނިޔާ ބައުސެޓާއަށް މަރުޙަބާ ވިދާޅުވެ ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން، ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދް ޙުސައިނާއެކު ބޭއްވި ބައްދަލުވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ކުރިއަށް އޮތް 19 ވަނަ ސާކް ސަމިޓް ބޭއްވުމަށް މިހާރު ދިމާވެފައިވާ ހުރަސްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. އަދި މިކަމުގައި ރާއްޖޭގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. އަދި، 8 ޤައުމު ހިމެނޭ ސާކްގެ މެމްބަރު އެހެން ޤައުމުތަކާއެކު ވާހަކަ ދައްކައިގެން ސަމިޓް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސެވުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލަށް ދެއްވާފައެވެ.

ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ މުޙައްމަދު އަފީފާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމާއި މަސްވެރިކަން އަދި ކުދި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާމެދު ގުޅިގެން މަސައްކަތްކުރެއްވުމާ ގުޅޭގޮތުން ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީއާ މަޝްވަރާކުރައްވާފައެވެ.

ޖަޕާނުގެ މެންބަރ އޮފް ހައުސް އޮފް ރިޕްރެޒެންޓޭޓިވް ވަޓަރު ޓަކެޝިޓާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުން ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދެއްވާ އެއްބާރުލުމާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުލީމީ ދާއިރާއަށާއި ވިޔަފާރީގެ ރޮގުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ޖަޕާނަކީ ދިވެހިރާއްޖެއާއި އެންމެ ގާތް އެއްޤައުމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޚާއި ނާއިބު ރައީސް ފައިސަލް ނަސީމް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސާޅީހަށްވުރެ ގިނަ ޤައުމެއްގެ، މަތީ ފެންވަރުގެ 300 އަށްވުރެ ގިނަ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއިރު، އެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަަރަފުގައި ކުރުނބާ މޯލްޑިވްސްގައި ވަނީ ޚާއްޞަ ހަފްލާއެއްވެސް ބާއްވާފައެވެ.