ޚަބަރު

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެތެރޭގަ އައްޑޫސިޓީ ސްކުއަރ އަލުން ހަދަނީ


ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައްޑޫސިޓީ، ހިތަދޫގައި ސިޓީ ސްކުއަރ އަލުން ހަދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު، ވެރިކަމާ ޙަވާލުވެ ފުރަތަމަ 100 ދުވަހު ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ހިތަދޫގައި ހުންނަ ސިޓީ ސްކުއެަރ އަލުން ހަދާ، ކުލަގަދަ ރަސްމީއްޔާތަކާއެކު ކޯއްޓޭ ދިދަ ނެގޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިކަން ވެރިކަމުގެ ފުރަތަމަ 60 ދުވަހުގެ ތެރޭގައި ޙާޞިލުކުރައްވާނެ ކަމަށްވެސް ސާރުކާރުން ވިދާޅުވެއެވެ.

ސިޓީ ސްކުއެރގައި ހުރި ދިދަ ދަނޑި، ރައީސް ޔާމީނުގެ ސަރުކާރުގައި ވަނީ ނަގާލާފާއެވެ. އުސްމިނުގައި 78.6 ފޫޓު ހުރި މި ދިދަ ދަނޑި އޭރުގެ ސަރުކާރުން ނަގާލާފައިވަނީ، ބުޑުގައި ހުރި ބޮލްޓު ތަށް ދަބަރު ޖަހައި ހަލާކުވެފައިވާތީ، ދިދަ ދަނޑި ވެއްޓި މީހަކަށް އަނިޔާ ވުމުގެ ފުރުޞަތު އޮތުމުން ކަމަށް، ހައުސިންގ މިނިސްޓްރީގެ އައްޑޫ ގޮފިން އޭރު ބުންޏެވެ.

އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ސިޓީ ސްކުއަރ ފުރަތަމަ ހަދާފައިވަނީ 2011 ވަނަ އަހަރު ސާކު ސަމިޓާއި ގުޅުވައިގެން އޭރުގެ ސަރުކާރުންނެވެ. ސިޓީ ސްކުއަރ ހެދުމަށް ފަހު އެ އަހަރުގެ ޖުމްހޫރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އެތާ ބާއްވާ ދިދަ ނެގިއެވެ. ނަމަވެސް ފަހަކަށް އައިސް ދިދަ ދަނޑި ހުހަށް ހުރެ ދިދަ ނާރުވާ މުޅި ތަން ވަނީ ބަލަހައްޓާނެ ފަރާތެއް ނެތި ވީރާނާ ވެފައެވެ.