ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިޞަލް ނަސީމް ހުވާކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގަންނަވައިފިއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަކީ ރައީސް ޞާލިޙް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭރު ޤައުމެއްގެ އެންމެ އިސް ވެރިޔާއެވެ. މޯދީގެ އިތުރުން 46 ޤައުމެއްގެ އިސް މަންދޫބުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ކުމާރަތުންގާއާއި، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚާއްސަ މަންދޫބަކާއި، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި ޗައިނާ ރައީސްގެ ޚާއްސަ މަންދޫބަކާއި ތުރުކީ، މޮރޮކޯ އަދި ފަލަސްތީނުގެ ރައީސްގެ ޚާއްސަ މަންދޫބުން ހިމެނެއެވެ. މީގެ އިތުރުން ބައެއް ޤައުމުތަކުގެ ވަޒީރުންނާއި ބައިނަލްއަޤްވާމީ ޖަމަޢާތްތަކުގެ ވެރިންނާއި ބައެއް ވިޔަފާރިވެރިންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވާއިރު، ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިންޑިއާއާއެކު އޮތް ގުޅުން ބަދަހިކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެކި ޤައުމުތަކުން ވަޑައިގެންނެވި ޢިއްޒަތްތެރިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރާތްތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ފަރިއްކޮޅުގައިވެސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
2015 ވަނަ އަހަރު އިންޑިއާގެ ބޮޑު ވަޒީރުކަމާއި ޙަވާލުވެވަޑައިގެންނެވި ނަރެންދްރަ މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު މަޤާމާއި ޙަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.