ސިޔާސީ

ފައިސަލް ނަސީމް - އިޖުތިމާޢީ ޚިދުމަތްތެރިއެެއް


ރިޔާސީ އިންތިޚާބު ތަނަވަސް އަޣްލަބިއްޔަތުން ކާމިޔާބު ކުރެއްވި، ދިވެހިރާއްޖޭގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނާއިބު، ފައިސަލް ނަސީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1973 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. ނާއިބު ރައީސް ފައިސަލް ނަސީމް އުފަންވެވަޑައިގަތީ ފުވައްމުލަކު ފުނާޑު އަވަށުގައެވެ.

ފައިސަލް ނަސީމްގެ ތަޢުލީމީ ޙަޔާތް ފެއްޓެވީ އުފަންރަށް ފުވައްމުލަކުންނެވެ. އަދި އެމަނިކުފާނު މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރެއްވީ އިނގިރޭސި ވިލާތުންނެވެ. އެއަށްފަހު އެ ޤައުމުގެ ބާމިންގހަމް ޔުނިވާސިޓީން ޓޫރިޒަމް މެނޭޖުމަންޓްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ޙާސިލްކުރެއްވުމަށްފަހު، އެމަނިކުފާނުވަނީ ކާރޑިފް މެޓްރޮޕޮލިޓަން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

އިނގިރޭސި ވިލާތުގެ މަތީ ޔުނިވާސިޓީތަކުން ހޯއްދެވި މަތީ ފާސްތަކާއެކު ތަޢުލީމް ހާސިލް ކުރެއްވި ދާއިރާތަކުން ފައިސަލް ނަސީމް ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެސިސްޓެންޓް މެނޭޖަރެއްގެ މަޤާމުން ފެށިގެން ޖެނެރަލް މެނޭޖަރެއްގެ މަޤާމުވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ. އެއާއެކު އެދާއިރާއަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން 2015 ވަނަ އަހަރު ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ފައިސަލް ނަސީމަށް ވަނީ ޚާއްޞަ އެވޯޑެއް ލިބިވަޑައިގެންފައެވެ.

އިޖްތިމާއީ ކަންކަމަށް ލޯބިކުރައްވާ ފައިސަލް ނަސީމް ވަނީ އެމަނިކުފާނުގެ އުމުރުފުޅުން އެންމެ 12 އަހަރުގައި 1986 ވަނަ އަހަރު އިޖްތިމާއީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފައްޓަވާފައެވެ. އެގޮތުން ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ހެވާލާބައަށް އަދި އުފަންރަށް ފުވައްމުލަކު ރައްޔިތުންގެ ސިއްޚި ދުޅަހެޔޮކަމާއި ރައްކާތެރިކަމަށްޓަކައި އެތައް ޕްރަގްރާމްތަކެއް ވަނީ ފައްޓަަވާފައެވެ. އަދި މިނޫނަސް ރަށުގެ ތަރައްޤީއަށް ފެއްޓެވި އަގުހުރި ގިނަގުނަ މަސައްކަތްތަކަކީ ފުވައްމުލަކާއި އެހެން ރަށްރަށުގެ ރައްޔިތުން ފަޚުރުވެރިކަމާއެކު ބަލައިގަންނަ ޚިދުމަތްތަކެކެވެ.

ފައިސަލް ފައުންޑޭޝަނުގެ ނަމުގައި ހިންގާ ޚައިރާތު ޖަމިއްޔާގެ ފަރާތުން ފުވައްމުލަކާއި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ދީނީ ގޮތުންނާއި ތަޢުލީމީ ދާއިރާއިން އަދި އިޖުތިމާއީ ގޮތުންނާއި އެހެނިހެން ދާއިރާތަކުން މީހުން ހޭލުންތެރި ކުރުމަށާއި އެކިއެކި ދާއިރާތަކުން ފަންނީ މީހުން ތަމްރީންކޮށް ކުރި އެރުން ހޯދައިދިނުމަށް ކުރައްވާފައި ވަނީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ގިނަގުނަ، މަސައްކަތްތަކެކެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު ފައިސަލް ނަސީމު ވަނީ ޑިސްއެބިލިޓީ އެމްބެސެޑަރެއްގެ ގޮތުގައި ނުކުންނަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އެމީހުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. މިރޮނގުން މުޖުތަމައަށް ފައިދާހުރި ތަފާތު އަގުހުރި ޚިދުމަތްތަކެއްކޮށްދެއްވާފައި ވާތީ، އަދި އިޖުތިމާއި ގޮތުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން 1999 ވަނަ އަހަރު ފައިސަލް ނަސީމަށް ވަނީ ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.

ފައިސަލް ނަސީމުގެ އަމިއްލަފުޅު ފައުންޑޭޝަންގެ ފަރާތުން ޒުވާނުންނަށް ޚާއްޞަކޮށް ހިންގެވި ތަފާތު ޕްރޮގްރާމްތަކާއި، ކުރިއަށް ގެންދެވި ތަފާތު މުބާރާތްތަކުގެ އިތުރަށް 1998 ވަނަ އަހަރު ދުނިޔޭގެ ތައްޓަށް ކުޅެވުނު ފުޓްބޯޅަ މުބާރާތުގެ މެޗުތައް އެއްވެސް އަގަކާ ނުލައި ފުވައްމުލަކު ރައްޔިތުންނަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިދެއްވީވެސް ފައިސަލްގެ އެހީތެރިކަމުގައެވެ. އަދި 2000 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި 2006 ވަނަ އަަހަރުގެ ވޯލްޑްކަޕް މެޗުތައް ބޮޑު ސްކްރީނުން ބެލޭނެ އިންތިޒާމުވެސް ފައިސަލް ވަނީ ފުވައްމުލަކު ޒުވާނުންނަށް ފަހިކޮށްދެއްވާފައެވެ.

މި ހުރިހާ ޚިދުމަތްތަކެއްގެ ތެރެއިންވެސް ފައިސަލް ނަސީމަކީ އަބަދުވެސް ޑިމޮކްރަސީއަށް ލޯބި ކުރައްވާ އިސްލާހީ މަސައްކަތްތަކެއް ކުރެއްވުމަށް ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވުމުގެ ޝައުގުވެރިކަން ގެންގުޅުއްވި ބޭފުޅެކެވެ. އެގޮތުން 2004 ވަނަ އަހަރު ރައްޔިތުންގެ ޚާއްސަ މަޖިލީހަށް ފައިސަލް ނަސީމް އިންތިޚާބުވެ ވަޑައިގެންނެވީ ރައްޔިތުންގެ ރެކޯޑް އަދަދެއްގެ ވޯޓާއެކުއެވެ. އަދި 2008 ވަނަ އަހަރާއި ހަމަޔަށް ފައިސަލް ވަނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ބުރަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ފައިސަލް ނަސީމް ވަނީ ސިޔާސީ ދާއިރާއާ ދުރުގައި 5 އަހަރު ހޭދަ ކުރައްވާފައެވެ. އެއަށްފަހު 2014 ވަނަ އަހަރު އަނެއްކާވެސް ފައިސަލް ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ސިޔާސީ މައިދާނަށް ނުކުންނަވާފައެވެ. އެގޮތުން ފައިސަލް ނަސީމު އެނބުރި މަޖިލީހަށް ވަޑައިގެންނެވީ ކާށީދޫ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރުގެ ގޮތުގައެވެ.

ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް އަދި އެ ޒުވާނުންގެ އުފަލާއި މުނިފޫހިފިލުވައިދިނުމަށް ފައިސަލް ވަނީ މީގެ 32 އަހަރު ކުރިން ފެށިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޒުވާނުންނަށްޓަކައި ހިންގެވި ތަފާތު ޕްރޮގްރާމްތަކާއި، ކުރިއަށް ގެންގޮސްދެއްވި ތަފާތު އެކި މުބާރާތްތަކުގެ އިތުރަށް ފުވައްމުލަކު ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ފައިސަލް ވަނީ ބޮޑު ހޭދައެއް ކުރައްވާފައެވެ. އަދި އެ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ފައިސަލް ފަައުންޑޭޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެކެވެ.

ވޭތުވެދިޔަ 32 އަހަރުގެ ތެރޭގައި ފައިސަލް ނަސީމްގެ އަގުހުރި ޚިދުމަތްތައް ފުވައްމުލަކާއި ފައިސަލް ތަމްސީލް ކުރެއްވި ކާށިދޫ ދާއިރާގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށްވެސް ލިބިގެންގޮސްފައިވާއިރު، ރާއްޖޭގައި ދެމުން އަންނަ ޒުވާނުންގެ އިނާމު ފުރަތަމަ ލިބިވަޑައިގެންނެވި ފައިސަލް ނަސީމް އިއްތިހާދުގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނަވައި ރާއްޖޭގެ ނާއިބު ރައީސަކަށް އިންތިޚާބުވެވަޑައިގަތުމަކީ ފުވައްމުލަކު ރައްޔިތުންނާއި އެއްފަދައިން ރާއްޖޭގެ އެހެން ރައްޔިތުންވެސް ފަޚުވެރިވެރިވާނެ ކަމެކެވެ.

އިޖްތިމާއި ގޮތުން ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ ލޯތްބާއި މަގުބޫލްކަން ހޯއްދަވާފައިވާ ފައިސަލް ނަސީމް ފެއްޓެވި ސިޔާސީ ދަތުރުގައިވެސް މިވަނީ އަމާން ރައްކާތެރި ބަނދަރަކަށް ވާސިލްވެވިފައެވެ. އެއާއެކު ދިވެހި ހުރިހާ ރައްޔިތުންވެސް މިއަދު ކުރާނެ އުއްމީދަކީ ނާއިބު ރައީސް ފައިސަލް ނަސީމުގެ ފަރާތުން އިތުރު އަގުހުރި ޚިދުމަތްތަކެއް ޤައުމާއި ރައްޔިތުންނަށް ލިބިގެން ދިއުމެވެ.