ޚަބަރު

ބީއެމްއެލްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޓެކްނޮލޮޖީއަށް އިންވެސްޓްކުރާނަން - ސީއީއޯ ހީލީ


ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް އޮތް ތަނުގައިވެސް ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޓެކްނޮލޮޖީއަށް އިންވެސްޓްކުރާނެކަމަށް އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.

ހީލީ މިހެން ވިދާޅުވީ އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ ޖެނެރަލް މީޓިން އެންޑް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. ބޭންކުގެ ޢަމާޒަކީ އެކި ވަޞީލަތްތައް ބޭނުންކޮށްގެން ބޭންކިންގ ޚިދުމަތް ހޯދަމުންދާ ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަމުންދާ ބަދަލާ އެއްގޮތަށް ޚިދުމަތް ބައްޓަންކުރުން ކަމަށް ހީލީގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އިންޓަރނެޓް، މޮބައިލް އަދި ސެލްފް ސަރވިސް ޓެކްނޮލޮޖީއަށް ކުރެވުނު އިންވެސްޓްމެންޓާއެކު ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ޚިދުމަތް ހޯދުމަށް އެކި ވަޞީލަތްތައް ޤާއިމުކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދީފައިވާކަމަށް ހީލީ ވިދާޅުވިއެވެ.

" ޓެކްނޮލްޖީގެ އެހީތެރިކަމާއެކު 24 ގަޑިއިރު ޚިދުމަތްލިބޭ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި، އިންޓަރނެޓް ބޭންކިންގ، މޮބައިލް ބޭންކިންގ އަދި މޮބައިލް ވޮލެޓް މެދުވެރިކޮށް ލިބޭ ޚިދުމަތްތައް އިތުރުވުމާއެކު މިހާރު ބޭންކުގެ %90 މުއާމަލާތަކީ އޮންލައިންކޮށް ކުރާ މުއާމަލާތް. އެހެންނަމަވެސް ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު އަޅުގަނޑުމެންނަށް ހަނުހިމޭނުން ތިބެވޭކަށް ނެތް. ޓެކްނޮލްޖީ އާއެކު އަތުވެދާނެ ހިރާސްތައް މެނޭޖްކޮށް ޓެކްނޮލޮޖީން ލިބޭ ފައިދާ ހޯދަންޖެހޭ. ކުރިއަށްތަނުގައިވެސް ބޭންކުން ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް އަދި ހަމައެހެންމެ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަންގެނެސް އިތުރު ފުރުސަތުތަކެއް ދިނުމަށްވެސް މަސައްކަތްކުރަމުންދާނަން. "

އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ ޖެނެރަލް މީޓިން އެންޑް ކޮންފަރެންސް ރާއްޖޭގައި ބޭއްވުމުން ސަބަބުން، ޤައުމުގެ މާލީ ދާއިރާ އިތުރަށް ތަރައްޤީކުރުމުގައި ކުރެވިދާކެ ކަންކަން ދެނެގަނެވި، ކަންކަން ތަންފީޒު ކުރުމަށް ކަންކަން ދަސްކުރުމަށް ފުރުޞަތު ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވެސް އެންޑްރޫ ވިދާޅުވިއެވެ.

އޭޝިއަން ބޭންކަރސް އެސޯސިއޭޝަން، އޭބީއޭ، ގެ ބޯޑުގައި ރާއްޖެ ތަމްސީލުކުރާ ހަމައެކަނި މެންބަރަކީ ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީއެވެ. ހީލީ މި މަގާމަށް ހޮވިވަޑައިގަތީ 2014 ވަނަ އަހަރި އޮމާންގެ ވެރި ރަށް މަސްކަޓްގައި ބޭއްވި އޭބީއޭގެ އަހަރީ ޢާއްމު ޖަލްސާގައެވެ.