ޚަބަރު

މާލީ ދާއިރާއިން އައު ޓެކްނޮލޮޖީއަށް މަރުޙަބާ ކިޔަން - ގަވަރުނަރު


ރާއްޖޭގެ މާލީ ނިޒާމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ތަޢާރަފުވަމުން ދާކަމަށާއި، މަރުކަޒީ ބޭންކަކީވެސް ޓެކްނޮލޮޖީއަށް ފަހި ތަނަކަށް ހަދައި، މާލީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިޔަށްދިޔަ 35 ވަނަ އޭބީއޭ ޖެނެރަލް ކޮންފަރެންސްގެ ތެރެއިން ވާހަކަ ދައްކަވަމުން ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު ނަޞީރު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާގައި މުޢާމަލާތްތައްކުރުމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ތަޢާރަފްކޮށް، މިނިޒާމަކީ އިތުބާރުހުރި، ހަރުދަނާ ނިޒާމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

"ފައިސާގެ މުއާމަލާތްކުރުމުގެ ނިޒާމު ރައްކާތެރި އަދި ހަރުދަނާ ނިޒާމަކަށް ހެދުމަށް އެންމެ ފަހުގެ ފައިނޭންޝަލް ޓެކްނޮލޮޖީ ތަޢާރަފުކުރަން 2018-2022 ވަނަ އަހަރުގެ ތެރޭގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި މިދާއިރާގެ އިންސާނީ ވަޞީލަތްވެސް ބިނާކުރުމަށްވެސް ހަމަޖެހިފައިވޭ. ޓެކްނޮލޮޖީއާ އާ އުފެއްދުންތައް ތަޢާރަފުކުރުމުގައި ރިސްކްތައް ހުރޭ. އަޅުގަނޑުމެން މަސައްކަތްކުރަނީ މި ފަދަ ރިސްކްތައް ކުޑަކޮށް، ޢާންމުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަގަނޅުކޮށް، ރައްކާތެރި ހަރުދަނާ ނިޒާމެއް ޤާއިމުކުރަން. ބައިނަލްއަޤުވާމީ ގޮތުން ބަލާނަމަވެސް ޤައުމުތަކުން މަސައްކަތްކުރަމުންދަނީ ބަދަލުވަމުންދާ ޓެކްނޮލޮޖީތައް އެކި ދާއިރާތަކަށް ތަޢާރަފުކުރުވުމަށް. މިކަމުގައިވެސް އެކި ކަހަލަ ރިސްކް ހުންނާނެ. ނަމަވެސް މިދާއިރާތައް ކުރިއެރުވެން އަންނާނީ މިފަދަ ޓެކްނޮލޮޖީ ތަޢާރަފުކޮށްގެން" މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު ނަޞީރު ވިދާޅުވިއެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވީ ޤުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް ބެހިފައިވާގޮތުން އެކި ދާއިރާތަކުން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުން މުހިންމު ކަމަށެވެ. އެހެންނަމަވެސް މިފަދަ ޒަމާނީ ޓެކްނޮލޮޖީތަކާއި އުފެއްދުންތައް ރާއްޖޭގެ މާލީ ދާއިރާއަށް ތަޢާރަފުކުރުމުގެ ކުރިން މިކަމަށް ބޭނުންވާ ޤަވާއިދުތަކާއި އުޞޫލުތައް އެކަށައެޅުމުގެ މުހިންމުކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ބޭންކިންގ ޚިދުމަތްތައް ހޯދާ މީހުންގެ ނިޞްބަތް ސަރަހައްދީ ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި ގިނަނަމަވެސް ރާއްޖޭގެ އާބާދީގެ 33 އިންސައްތަ މީހުންގެ ބޭންކު އެކައުންޓް އަދިވެސް ނުހުޅުވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

2 ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ އޭޝިޔާ ބޭންކާރސް އެސޯސިއޭޝަންގެ 35 ވަނަ ބައްދަލުވުމުގައި މިސަރަހައްދުގެ 25 ޤައުމަކުން 150 އަށްވުރެ ގިނަ ތަޖުރިބާކާރުން ވަނީ ބައިވެރިވެފައެވެ. މިކޮންފަރެންސްގެ ތެރެއިން މިޞަރަހައްދުގެ ބޭންކުތަކަށް ކުރިމަތިވާ ދަތިތަކާއި މިފަދަ ކަންކަން ޙައްލުކުރެވޭނެ ގޮތްތަކާއި، ބޭންކިންގ ދާއިރާއަށް ތަޢާރަފުވެފައިވާ އެންމެ ފަހުގެ އީޖާދުތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.