ޚަބަރު

ހދ ކުޅުއްދުށްފުށީ ޖަލާލުއްދީން ސްކޫލްގެ ދަސްވެނިވުން ބާއްވައިފި


ޖަލާލުއްދީން ސްކޫލުގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ޖަލާލުއްދީނު ސްކޫލު ހޯލުގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި މަތީ ޘާނަވީން އެވްރެޖް 40 އިންސަތައަށް ވުރެ މަތީ މާރކްސް ހޯދައިގެން 26 ދަރިވަރަކު ދަސްވެނިވިކަމުގެ ސެޓްފިކެޓް ޙާސިލުކުރިއެވެ. އަދި ޘާނަވީ އިމްތިޙާނުތަކުން 40 އިންސަތައަށްވުރެ މަތި ހޯދައިގެން 58 ދަރިވަރަކު ވަނީ ސެޓްފިކެޓް ހޯދާފަ އެވެ. މީގެއިތުރަށް ދަސްވާރު އަދި ބީޓެކް ކޯސްތައް ނިންމާ 37 ދަރިވަރަކަށްވެސް ރޭ ސެޓްފިކެޓް ޙަވާލުކުރިއެވެ.

ޖަލާލުއްދީން ސްކޫލްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދަރިވަރުންނަށް ސޭޝްއާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ މުޙައްމަދު ޙުސައިނެވެ. ދަރިވަރުންނާ މުޚާޠަބުކުރައްވާ ވާހަކަދައްކަވަމުން މުޙައްމަދު ޙުސައިން ވިދާޅުވީ ވަޒީފާއަށް ބަލާއިރު އެއްވެސް ހަޑި މަސައްކަތްތަކެއް ނުހުންނާނެ ވަޒީފާއެއްގެ ތެރެއިން ޙަވާލުކުރެވޭ ކޮންމެ މަސައްކަތަކީ ޒިންމާދާރުކަމާއެކު ކުރާ މަސައްކަތެއް ނަމަ ހަމަ އެންމެ ރަނގަޅު ވަޒީފާއެއްކަމަށެވެ. އޭނާގެ ވާހަކައިގައި މަސައްކަތުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކަށް އަލި އަޅުއްވާލައްވާ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ދަރިވަރުންގެ އިލްތިމާސް ކުރެއްވިއެވެ.

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުޙައްމަދުވެސް މިރަސްމިއްޔާތުގައި ދަރިވަރުންނާއި މުޚާޠަބުކުރައްވާ ވާހަކަދެއްކެވިއެވެ. އޭނާގެ ވާހައިގައި ކޮންމެ ވަޒީފާއަށް އަދާކުރިކަމުގައިވިޔަސް އިޚުލާސްތެރިކަން އިސްކުރަން ދަރިވަރުންނަށް ނަޞޭޙަތްތެރިވިއެވެ.

ޖަލާލުއްދީން ސްކޫލުގައި ދަސްވާރުގެ 6 ކޯހެއް ހިންގާފައިވެ އެވެ. އެއީ ވޯޓަރ ސްޕޯޓްސް، ފޮޓޯގްރަފީ، އިލެކްޓްރީޝަން، ރީޓެއިލް ސަރވިސަސް، ފުރޮންޓް އޮފީސް އަދި ފާމަސިސްޓް ކޯހެވެ.
ޖަލާލުއްދީން ސްކޫލް ހުޅުވާ ތަޢުލީމު އުގަންނައިދޭން ފަށާފައިވަނީ 2008 ވަނަ އަހަރުއެވެ.