ޚަބަރު

މާލޭ މަގުތަކުގެ ޓްރެފިކް ޕްލޯއަށް ބަދަލު ގެނެސްފި


އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްޓަކައި މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފިއެވެ.

މިއަދާއި މާދަމާގެ މެންދުރުފަހު ދޭކުން ރޭގަނޑު ހަތަކަށް މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މި ވަގުތުގެތެރޭގައި އެއްބައި މަގުތަށް އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުގެނެސްފައިވާއިރު، އަނެއްބައި ސަރަހައްދުތަކަށް އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލުމާތުދޭގޮތުގައި މިއަދާއި މާދަމާގެ މެންދުރު ފަހު ދޭކުން ރޭގަނޑު ހަތަކަށް ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ލިންކް ރޯޑާއި، ސިނަމާލެ ބްރިޖް ބަންދުކުރަން ވަނީ ހަމަޖެހިފައެވެ.

އަދި މީގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ވަކި ހިސާބުތަކެއް ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ބަންދުކުރަންވެސް ނިންމާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްދާވަގުތު ގަލޮޅު ދަނޑުކައިރީގެ މަގުތަކާއި ރައީސް އޮފީހާއި ޢިއްޒުއްދީން ފާލަން ސަރަހައްދު ބަންދުކުރުމަށް ވަނީ ނިންމަފައެވެ. އަދި މީގެ އިތުރުން އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ހިސާބުން ފެށިގެންގޮސް، މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހިސާބަށް އިރުން ހުޅަނަގަށް ދުއްވޭގޮތަށް ވަނީ ބަދަލުގެނެސްފައެވެ.

މިބަދަލުތަށް ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގިނަ ޢަދަދެއްގެ ރައްޔިތުން އެއް ސަރަހައްދުތަކަކަށް އެއްވުމުގެ ސަބަބުން ދިމާވެދާނެ މަގުމަތީގެ ޙާދިސާތަށް މަދުކުރުމަށްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެއެވެ.