ޚަބަރު

ތިނަދޫ ހޮސްޕިޓަލުގައި ކަކުލު ހުޅުގެ އޮޕަރޭޝަން ކުރަން ފަށައިފި


ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކަކުލު ހުޅުގެ އޮޕަރޭޝަންތައް ކުރަން ފަށައިފިއެވެ.

ތިނަދޫ ހޮސްޕިޓަލުގައިމި އޮޕަރޭޝަން ކުރީ އައިޖީއެމް ހޮސްޕިޓަލުގެ ދެ ޑޮކްޓަރަކާއި ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރު ހިމެނޭ ޓީމަކުންނެވެ. ތިނަދޫ ހޮސްޕިޓަލުގައި އެ އޮޕަރޭޝަން ކުރި އިރު، އެ އޮޕަރޭޝަނުގައި އިސްކޮށް ޙަރަކާތްތެރިވީވެސް ތިނަދޫ އަށް އުފަން، ކަށީގެ ޚާއްޞަ ދެ ޑޮކްޓަރުންނެވެ. އެއީ އައިޖީއެމްޗުގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އެންޑް ޓްރައުމާ ސާޖަރީ ޑރ. އިސްމާއިލް ޒާހިރާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އެންޑް އިންޗަރޖް އޮފް މެޑިކަލް ޑިޕާރޓްމަންޓް ޑރ. ޢާޒިމް އަބްދުލް ޝަކޫރެވެ. އޮޕަރޭޝަން ކުރުމުގައި ދެން ޙަރަކާތްތެރިވީ އައިޖީއެމްއެޗުގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އަދި އެ ޑިޕާރޓްމަންޓުގެ އެޗްއޯޑީ ޑރ. ޢަލީ މުޒްނީ އެވެ.

ކަކޫ ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނަކީ ކަކޫ ލެނބޭ ހިސާބު ހުޅު ހިކި، ކަކުލު ހުޅުގައި ރިއްސާ ރިއްސުން ޙައްލު ކުރުމަށް ކުރާ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަން ކުރަނީ ބޭސް ކޮށްގެންނާއި ކަސްރަތުކޮށްގެންވެސް ކަކުލު ހުޅުގެ ރިއްސުމަށް ފަރުވާ ނުލިބުމުންނެވެ. އަދި މި އޮޕަރޭޝަން ކުރުމުން، އޮޕަރޭޝަން ކުރާތާ 15 މިނެޓުފަހުން ތަދު ކެނޑި ހިނގާބިނގާވެ އުޅެވޭކަމަށް ކަށީގެ ޚާއްޞަ ޑޮކްޓަރުން ވިދާޅުވެއެވެ.

ތިނަދޫ ހޮސްޕިޓަލުގައި ކަށީގެ ޚާއްޞަ ދެ އޮޕްރޭޝަނެއް މިއަދު ކޮށްފައިވާއިރު އެ ދެ އޮޕަރޭޝަން ކޮށްފައިވަނީވެސް ކާމިޔާބު ކަމާ އެކުއެވެ. އެ ދެ އޮޕްރޭޝަނާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮޕަރޭޝަން ކުރި ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. މުޒްނީ ވިދާޅުވީ މާލެ ފިޔަވައި އަތޮޅުތަކު ތެރޭގަވެސް ކަށީގެ އޮޕަރޭޝަންތައް ކުރަން ފެށުމަކީ ހުވަފެނެއް ކަމަށެވެ. އެގޮތުން އައްޑޫސިޓީގައި 70 އަހަރުގެ އަންހެނެއްގެ ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފައިވާނެ ކަމަށާއި ތިނަދޫ ހޮސްޕިޓަލުގައި އިއްޔެ ކުރި އެފަދަ ދެ އޮޕަރޭޝަނަކީ އެ ހޮސްޕިޓަލުގައި އެފަދަ ބޮޑު އޮޕަރޭޝަނެއް ކުރެވުނު ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ އޮޕަރޭޝަނެއް ކުރުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދަތިތަކެއް ހުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅުކުރެވި އެފަދަ އޮޕަރޭޝަންތައް އެ ހޮސްޕިޓަލުން ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި އިއްޔެ ކުރެވުނު ދެ އޮޕަރޭޝަނުގައިވެސް އައިޖީއެމްއެޗުން ބައެއް ތަކެތި ގެނެސްގެން ބޭނުންކޮށްފައިވާނެ ކަމަށާއި، ތިނަދޫ ހޮސްޕިޓަލުގައި މަދުވަނީ އެކަން ކުރުމަށް ބޭނުންވާ ކުދި ކުދި ކަންތައްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އައިޖީއެމްއެޗުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން މިކަން ކުރެވުނީ. ސަބަބަކީ އައިޖީއެމްއެޗުންވެސް އަޅުގަނޑުމެން މިކަމަށް ބޭނުންވާ ބައެއް ސާމާނު އަޅުގަނޑުމެން ގެނައިން. އެބޭފުޅުންގެ އެހީތެރިކަން ނުލިބި އަތޮޅުތެރޭގެ ރަށްރަށުގަ މިކަހަލަ ބޮޑު އޮޕަރޭޝަނެއް ކުރުމަކީ ނުކުރެވޭނެ ކަމެއް، އިރާދަކުރެއްވިއްޔާ ދޮޅު މަހުން ނުވަތަ ދެމަހުން ރެގިއުލަރ ކޮށް މިކޮޅުގަ ކުރެވޭތޯ ބަލާނަން. " އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް އިން ޒޯތޮޕެއިޑިކްސް އަދި އެ ޑިޕާޓްމަންޓުގެ އެޗްއޯޑީ ޑރ. މުޒްނީ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އެންޑް އިންޗަރޖް އޮފް މެޑިކަލް ޑިޕާޓްމަންޓް ޑރ. އާޒިމް ވިދާޅުވީ ތިނަދޫއަށް އުފަން، ކަށީގެ ޑޮކްޓަރެއްގެ ޙައިޞިއްޔަތުން އެރަށު ހޮސްޕިޓަލާ ގުޅިވަޑައިގަތް ހިސާބުން ފެށިގެން އެ ހޮސްޕިޓަލުގައި އެފަދަ އޮޕަރޭޝަންތައް ކުރަން ވަރަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމް ހޮސްޕިޓަލާ ގުޅިގެން އޮޕަރޭޝަންތަކެއް ކޮށްފައިވާނެ ކަމަށާއި ނަމަވެސް، އިއްޔެ ކުރި ދެ އޮޕަރޭޝަނަކީ މިހާތަނަށް އެ ހޮސްޕިޓަލުގައި ކުރެވުނު އެންމެ ބޮޑު ދެ އޮޕަރޭޝަންކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގެ މައި ދެ ހޮސްޕިޓަލް ކަމުގަވާ އޭޑީކޭ އަދި އައިޖީއެމްއެޗް. މި ދެ ހޮސްޕިޓަލް އެހީތެރިކަމާއެކީގަ އަޅުގަނޑު މިތަނުގަ މިހާތަނަށް ބައެއް އޮޕަރޭޝަންތައް ހުންނާނީ ކޮށްފަ. ނަމަވެސް މިހާ ބޮޑު އޮޕްރޭޝަނެއް ކުރެވުނު އެންމެ ފުރަތަމަ ފަހަރު މީ. އަޅުގަނޑުމެން މިއަދު މި ދައްކައިދިނީ އަޅުގަނޑުމެންނަށް މިކަހަލަ ސެޓަޕެއްގަވެސް މިކަހަލަ އޮޕަރޭޝަނެއް ކުރެވިދާނެކަން. މިއަދުން މިއަދަށްވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތައްވެސް އެބަހުރި،" ޑރ. އާޒިމް ވިދާޅުވިއެވެ.

ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުން ޚިދުމަތް ލިބިގަންނަ މަރުކަޒީ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަށް ދުވާލެއްގެ މައްޗަށް 200 އާ ގާތްކުރާ ޢަދަދަކަށް ބަލި މީހުން ކޮންމެ ދުވަހަކު ޚިދުމަތް ހޯދާއިރު ކަށީގެ މައްސަލަތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދުވެސް ގިނައެވެ. އެ ހޮސްޕިޓަލުގައި ކަކުލު ހުޅުގެ އޮޕަރޭޝަންތައް ކުރަން ފެށުމާއެކު އެ އޮޕަރޭޝަން ނުވަތަ ކަކުލު ހުޅުގައި ރިއްސާ ރިއްސުމަށް ފަރުވާ ހޯދުމުގެ ޚިދުމަތް މާލެ ނުގޮސް ފަސޭހަކަމާއެކު އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.