ޚަބަރު

ފެނުގެ ފަންޑަށް މެލޭޝިޔާ ސަރުކާރުން ދެލައްކަ ޑޮލަރު ދީފި


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީގައި މިމަހުގެ ހަތަރުވަނަ
ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް
ހުޅުވާފައިވާ މާލެ ވޯޓަރ ކްރައިސިސް މެނޭޖްމެންޓް ފަންޑަށް މެލޭޝިޔާ ސަރުކާރުން
ދެލައްކަ ޑޮލަރު ނުވަތަ 3.8 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފިއެވެ.



މިކަން ހާމަކޮށްފައިވަނީ މެލޭޝިޔާގެ ޚާރިޖީ ވަޒީރު،
ރާއްޖޭގެ ޚާރިޖީ ވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައި ކަމަށް ދިވެހި ޚާރިޖިއްޔާއިން
ހާމަކުރެއެވެ. އެމް.ޑަބްލިއު.އެސް.ސީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން
ހުޅުވި ފަންޑް ފޮށްޓަށް ބޭރުގެ އެކި ޤައުމުތަކުންނާއި އަމިއްލަ ފަރާތްތަކުގެ
އިތުރުން ދިވެހި ވިޔަފާރިވެރިނާއި ކުންފުނިތަކުން ގެންދަނީ ދީލަތި އެހީތައް
ވެދެއްވަމުންނެވެ.



އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާނުގެ މި
ހާދިސާއާ ގުޅިގެން 20 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް މިކަމާ
ގުޅިގެން ސަރުކާރުން އުފެއްދެވި ޓާސްކްފޯސްއިން ވަނީ ބުނެފައެވެ.