ޚަބަރު

އާރަށުގައި އަޅާފައިވާ 3 ބުރީގެ ޢިމާރާތަކީ ސީ.އެސް.އާރުގެ ދަށުން އެޅި އިމާރާތެއް- ޑިފެންސް މިނިސްޓަރ


އާރަށުގައި މި ސަރުކާރުން އަޅާފައިވާ ތިން ފަންގިފިލާގެ އިމާރާތަކީ އިޖްތިމާޢީ ޒިންމާގެ ދަށުން ސިފައިން އަޅާފައިވާ އިމާރާތެއްކަމަށް ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އާރަށުގައި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަކޮށްގެން އަޅާފައިވާ ގެއެއްގެ ފޮޓޯ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

ޤައުމީ ދިފާއީ ބަރުން ވޭތުވެދިޔަ ފަސްއަހަރު ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ އާރަށަކީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ރަށެއްކަމަށާއި، އެރަށުގައި މިސަރުކާރުން އަޅާފައިވާ ތިން ފަންގިފިލާގެ އިމާރާތަކީ ރަޢީސް އޮފީހުގެ އެންގުމަށް ސިފައިންގެ ސީއެސްއާރުގެ ދަށުން އަޅާފައިވާ އިމާރާތެއްކަމަށެވެ.

" އެ ގެ އަޅާފައިވަނީ ސިފައިން، ސީއެސްއާރްގެ ދަށުން. އާރަށަކީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ރަށަކަށްވާއިރު އެރަށަށް ރައީސުންނަށް ބޭނުންވާ ބަދަލު ގެނެވޭނެ. މިގެ އެޅުމަށް ހިންގާފައިވާ ސީދާ ޚަރަދުގެ ތަފްސީލް މިވަގުތަކު ބުނާކަށް ނޭނގޭ." މިނިސްޓަރ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯތަކަށް ރައްދުދެއްވައި ރަޢީސްގެ ތަރުޖަމާނު އިބްރާޙިމް މުޢާޒް އަލީ ވިދާޅުވީ ދައުރު ނިމުނަސް އެ ގެކޮޅު އާރަށުގައި ހުންނާނެކަމަށާއި، ދެން އަންނަ ރައީސަކަށްވެސް އެތަން ބޭނުންކުރެވޭނޭކަމަށެވެ.