ޚަބަރު

ބޭންކިިންގ ހިދުމަތްތައް ދަނީ ޑިޖިޓަލައިޒްކުރަމުން- ބީއެމްއެލް


ބެންކިން ސެކްޓަރ ޑިޖިޓަލައިޒްވަމުންދާއިރު އުންމީދަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ޑިޖިޓަލައިޒްޑް ޕްލެޓްފޯމްތައް މެދުވެރިކޮށް ފޯރުކޮށްދިނުންކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އޭޝިއާ ބޭންކާޒް އެސޯސިއޭޝަންގެ 35 ވަނަ ބައްދަލުވުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގެ ބޭންކިންގެ ދާއިރާއަށް އަންނަމުންދާ ބަދަލާ، ބީއެމްއެލްއިން ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތައް ފާހަގަކޮށްލެވޭ ކަމަށެވެ.

"ބޭންކެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މިދަނީ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް މަސައްކަތްކުރަމުން. މިގޮތުން ސެލްފް ސާރވިސް ބޭންކިން ހިދުމަތުތާއި، ޕޭމަންޓު ގޭޓްވޭތައް މެދުވެރިކޮށް އީކޮމާރސްގެ ހިދުމަތްތަކާއި، އޮންލައިން ހިދުމަތްތައް ތައަރަފްކުރުމާ، މޯބައިލް ވޮލެޓް ހިދުމަތާއި، ބައިނަލްއަޤްވާމީ މަނީ ޓްރާންސްފާގެ ހިދުމަތްތަކުގެ އިތުރުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މިހާރު ދަނީ ފޯރުކޮށްދެމުން. އަޅުގަނޑުމެންގެ އުންމީދަކީ ކަސްޓަމަރުންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން. ޑިޖިޓަލްކޮށްދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުން." ޝަރީފު ވިދާޅުވިއެވެ.

ބޭންކިންގ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދެ ދުވަހުގެ މުއްދަތަށް ބާއްވާ ބައިނަލްއަޤްވާމީ އޭބީއޭ ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ "ބޭންކިން އިން އޭޝިޔާ ދި ނެކްސްޓް ފްރޮންޓިއަރ"އެވެ.

ބެންކް އޮފް މޯލްޑިވްސްއިން ބުނީ މިކޮންފަރެންސްގައި 25 ޤައުމަކުން 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވަމުންދާކަމަށެވެ. ބީއެމްއެލުން ފާހަގަކުރާ ގޮތުގައި މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ބޭންކިން ދާއިރާގެ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މިކޮންފަރެންސްގެ ތެރެއިން ސަރަހައްދީ ޤައުމުތަކުގެ މެދުގައި ބޭންކިންގެ ދާއިރާ ހަރުދަނާކޮށް، ފުޅާކުރެވޭނެ ގޮތްތަކާ، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއްހަމައެއްގައި ބޭންކިންގެ ދާއިރާ ކުރިއެރުވުމާބެހޭ ގޮތުން މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.