ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލުގައި ހަކުރު ބަލީގެ ދުވަސް ފާހަގަކުރަނީ


ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ގޯ ބްލޫގެ ނަމުގައި" ފުވައްމުލަކު ހޮސްޕިޓަލުގައ ގިނަ ޙަރަކާތްތަކެއް އިއްޔެ ކުރިޔަށްގެންގޮސްފިއެވެ.

މިއަހަރުގެ ހަކުރު ބަލީގެ ދުވަސް ދިމާވަނީ ރަސްމީ ދުވަހެއްގައި ކަމުން، ދުވަސް ފެށުމުގެ ގޮތުން އޮފީސް މާޙައުލުގައި ޚާއްޞަ ކަސްރަތު ކުރުމުގެ ޙަރާކާތަކާއި "ހެލްތީ ބްރޭކްފަސްޓް" ހަށިގަނޑަށް ފައިދާހުރި ހެނދުނުގެ ނާސްތާއެއް ބޭއްވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ ފަރުޒާދު ޙަކީމް ވިދާޅުވީ ހަކުރު ބަލީގެ ދުވަސް ފާހަގަކޮށް ގިނަ ޙަރާކާތްތައް ހިންގި ކަމަށެވެ. އެގޮތުން ދުވަހާ ގުޅުވައިގެން ޑޮކްޓަރަށް ދެއްކުމުގެ ޕްރޮގްރާމަކާއި، ހަކުރުބައްޔަށް ސްކްރީން ކުރުމުގެ ޙަރަކާތަކާއި ލޭގެ ގުރޫޕް ބަލައި ދިނުންވެސް އެހޮސްޕިޓަލުގައި ކުރިޔަށްގެންދިޔަ ކަމަށެވެ.

އަދި ސާޅީސް އަހަރުން މަތީގެ މީހުންނަށް ޚާއްޞަކޮށްގެން ހަކުރިބަލީގެ ސަބަބުން ހިތުގެބަލީގެ ނުރައްކާ އޮތްމިންވަރު ބާލާދިނުމާއި، ލޭގެ ޕްރެޝަރު ބަލައިދިނުމާއި ،މަސްގަނޑުގައި ސަރުބީ ހުރިމިންވަރު ބެލުމުގެ ގޮތުން ޓެސްޓްހަދައިދިނުމުގެ އިތުރަށް އިސްކޮޅާއި އުމުރާއި ގުޅުވައިގެން ބަރުދަން ހުންނަން ޖެހޭ މިންވަރު ބަލައިދިނުންވެސް ކުރިއަށް ގެންދިޔަ ކަމަށް ފަރުޒާދު ވިދާޅުވިއެވެ.

ފަރުޒާދު ވިދާޅުވީ ފުވައްމުލައް ހޮސްޕިޓަލަކީ ހަކުރުބަލީގެ މީހުންނަށް ފަރުވާ ދިނުމާއެކު، އެއްބައްޔަށް ސްކްރީން ސްކްރީން ކުރުމުގެ ފުރިހަމަ އިންތިޒާމު ހަމަޖައްސާފައިވާ ހޮސްޕިޓަލެއްކަމުގައެވެ. އަދި އެ ހޮސްޕިޓަލުގައި ހަކުރުބަލީގެ މީހުންނަށް ބޭނުންވާ އިންޖެކްޝަނާއި ބޭސް ލިބެން ހުންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރުމަހުގެ ސާދަ ވަނަދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައެވެ. މިގޮތުން އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުން މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ " ހަކުރުބައްޔާއި ޢާއިލާ" އެވެ.

ފުވައްމުލަކު ހޮސްޕިޓަލާއި ޕަބްލިކް ހެލްތް އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޙަރަކާތްތަކެއް ހިންގައެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުން ހަކުރުބަލީގެ މީހުންނަށް ބޭނުންވާ އިންޖެކްޝަނާއި ބޭސް ލިބެންހުންނަ ކަމަށްވެސް އެފަރާތުން މައުލޫމާތު ދޭއެވެ.