ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓު މަޝްރޫއަށް ބަޖެޓުގައި 40 މިލިއަން ރުފިޔާ


2019 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ގދ. ފަރެސްމާތޮޑާގައި އެއަރޕޯޓެއް ތަރައްގީ ކުރުމަށް 40.3 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ފަރެސްމާތޮޑާގެ އެއަރޕޯޓު ތަރައްޤީ ކުރުމަށާއި ބިން ހިއްކުމަށް ސާޅީސް މިލިއަން ތިން ލައްކަ ވިހި ހާސް ރުފިޔާ ކަނޑައަޅާފައިވާއިރު، އަންނަ އަހަރަށް ކަނޑައަޅާފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖައްސާފައިވަނީވެސް ލަފާ ފުރުމުގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ސަރުކާރުން ހަތަރު ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިއިގެން އެ ރަށުގައި އެއަރޕޯޓު އެޅުމަށްޓަކައި، އެއަރޕޯޓު ހިމެނޭ ޞަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމަސައްކަތް ކުރަނީ ދުބާއީގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ގަލްފު ކޮބްލާ ކުންފުނިންނެވެ. ނަމަވެސް މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވަނީ އެމް.ޓީ.ސީ.ސީންނެވެ.

އެގޮތުން އެ މަސައްކަތް ކުރުމުގައި ބޭނުންކުރަމުންދަނީ އެމް.ޓީ.ސީ.ސީގެ އެންމެ ބޮޑު އެންމެ ބޮޑު ކަޓަރ ސަކްޝަން ޑްރެޖަރ "ޖޭ3" އެވެ. މި ޑްރެޖަރަކީ ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި ހެކްޓަރެއްގެ ބިން ހިއްކުމުގެ ޤާބިލުކަން ލިބިފައިވާ ޑްރެޖަރެކެވެ. މި މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާ އެއަރޕޯޓު އެޅުމަށް އެރަށުގެ ފަޅުން 19.8 ހެކްޓަރުގެ ޞަރަޙައްދެއް ހިއްކުމަށް ވަނީ ނިންމާފައެވެ. އަދި ބިން ހިއްކުމުގެ އިތުރުން، ހިއްކި ޞަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން 888 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއްވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ގދ. ފަރެސްމާތޮޑާ އެއަރޕޯޓު މަޝްރޫޢުގެ ދަށުން 1.2 ކިލޯ މީޓަރުގެ ދިގު ރަންވޭއަކާއި، އޭޕްރަންއަކާއި ޕެސެންޖަރ ޓާމިނަލެއް އެރަށުގައި އަޅާނެއެވެ. މިއީ ހުވަދު އަތޮޅުގައި ސަރުކާރުން ތަރައްޤީކުރާ 4 ވަނަ އެއަރޕޯޓެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ އިތުރުން މ. މުއްޔާއި ހއ. މާފިނޮޅުގައިވެސް އެއަރޕޯޓު އެޅުމަށް ވަނީ ބަޖެޓު ކުރެވިފައެވެ. މި ތިން ރަށުގައި އެއަރޕޯޓު އެޅުމަށް 170 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
މާފިނޮޅާއި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުގައި ފަށާފައިވާއިރު މުލީ އެއާޕޯޓަކީ އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ.

މީގެ އިތުރުން ހދ. ކުޅުދުއްފުށީ އެއަރޕޯޓާއި، ށ. ފުނަދޫ އަދި ގދ. މާވާރުލު އެއަރޕޯޓުގެ މަސައްކަތަށްވެސް ބަޖެޓުގައި ވަނީ ބޮޑު ޢަދަދެއް ހިމަނައިފައެވެ. މި ތިން އެއަރޕޯޓުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ.

އަތޮޅުތަކުގެ ތެރޭގައި ކުރިއަށްދާ، އަދި އަލަށްފަށާ އެއަރޕޯޓުތައް ތަރައްޤި ކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށްޓަކައި ބަޖެޓުގައި ރީޖަނަލް އެއަރޕޯޓްސްގެ މަސައްކަތަށް ކަނޑައަޅާފައިވަނީ ޖުމްލަ 184,225,938 ރުފިޔާއެވެ.