ޚަބަރު

އައްޑޫ ސިޓީ ޓާރޝަރީ ހޮސްޕިޓަލުގެ މަސައްކަތް އެއްކޮށް ނިންމާލައިފި


‎އައްޑޫ ސިޓީގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލުގެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.

‎ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލުގެ މެޝިނަރީތައް ލިބުމުން ނިންމަންޖެހޭ ކަންކަން ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.

‎އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުގައި ތަރައްޤީކުރަމުންދާ އާ ހޮސްޕިޓަލުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްގެންދަނީ އެލިއާ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެންނެވެ. އެ ކުންފުންޏަށް 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ޙަވާލު ކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައެވެ.

ސައުދީ ފަންޑް ފޮރ ޑެވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނުގެ އެހީގައި މި މަޝްރޫޢު ހިންގިނަމަވެސް ސަރުކާރުން މިމަޝްރޫޢަށް 21 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.

17 ވަނަ ސާރކު ސަމިޓަށް ކުރީގެ ސަރުކާރުން ކޮންވެންޝަން ސެންޓަރު ބިނާކުރި ނަމަވެސް ، އެސަމިޓަށް ފަހު އެތަން އެދެވޭ ގޮތެއްގައި ބޭނުން ނުހިފޭ ކަމަށް ބުނެ ރައީސް ޔާމީހު ސަރުކާތުން ވަނީ 100 އެދުގެ ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންނެވެ. ޢިމާރާތުގެ މަސައްކަތް ނިމުނު ނަމަވެސް އަދި ރަސްމީގޮތެއްގައި ޚިދުމަތްދޭން ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ސަރުކާރުން ބުނާ ގޮތުގައި އައްޑޫ ސިޓީގެ އާ ހޮސްޕިޓަލްވެގެން ދާނީ ސުޕަރ ސްޕެޝާލިޓީ ޚިދުމަތް ދޭ ފެންވަރުގެ ހޮސްޕިޓަލަކަށެވެ. އަދި ކަށީގެ ފަރުވާއަށް ޚާއްޞަ މަރުކަޒެއްގެ ގޮތުގައި މި ހޮސްޕިޓަލް ތަރައްޤީކުރަންވެސް ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.