ޚަބަރު

ގދ. ތިނަދޫ ފަޔަރ ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި


ގދ. ތިނަދޫގައި ބިނާ ކުރި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ އައު ފަޔަރ ސްޓޭޝަން ހުޅުވައިފިއެވެ.

ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އައު ފަޔަރ ސްޓޭޝަން ހުޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު، އާދަމް ޝަރީފެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހުވަދު އަތޮޅުގައި ހިނގާ ގުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކުގެ ތަފާސް ހިސާބަށް ބަލާއިރު އެ ސަރަހައްދުގައި ފަޔަރ އެންޑް ރެސްކިއު ސްޓޭޝަނެއް ހުރުމަކީ މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއް ކަމަށެވެ.

"މި އިމާރާތުގެ ސަބަބުން. ނުވަތަ މިތަނުން ދެވޭ ޚިދުމަތުގެ ސަބަބުން މި ރަށުގެ ދިމާވާ އެކި އެކި ހާދިސާތަކާއި އަދި މި ސަރަހައްދުގަ ދިމާވާ އެކި ހާދިސާތަކަށް ﷲގެ ވާގިފުޅާ އެކުގަ ރައްޔިތުންނަށް ކުރިއަށްވުރެ ރަނގަޅަށް ޚިދުމަތް ފޯރުކޮށްދެވޭނެ. އަދި މާލޭގަ މިފަދަ އިމާރާތެއް ހުރުމުގެ ބަދަލުގަ، އަތޮޅުތަކުގަ އޭރިއާތަކުގަ މިފަދަ އިމާރާތެއް އެޅިގެން ދެވޭ ކަމީ އެއީ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ކުރެއްވުމަށް ގެންގެޅޭ ސިޔާސަތުގެ ދަށުން ކުރެވުނު ވަރަށް މުހިއްމު މަސައްކަތެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރު، ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ އަހަރުތަކެއް ކުރިން އެ އިމާރާތް އެޅުމަށް ސަރުކާރުން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ތަނބު ޖަހައި މަސައްކަތް ފެށި ނަމަވެސް، މާ ގިނަ ދުވަހެއް ނުވެ މަސައްކަތް ހުއްޓި، އިމާރާތް ނުހެދި ގިނަ ދުވަސްތަކެއް ވި ކަމަށާއި އެއަށްފަހު 2016 ވަނަ އަހަރު އައްޑޫ ސިޓީ ހިތަދޫގެ ކުންފުންޏަކާ ހަވާލުކޮށްގެން އެއް އަހަރު ދުވަސްތެރޭ މަސައްކަތް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް އެ ސަރަހައްދުގައި ހިނގާފައިވާ ގުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކުގެ މިންވަރު ދަށްވެފައިވާކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު މުޅި ހުވަދު އަތޮޅުގައި ހިނގާފައިވަނީ އަލިފާނުގެ 19 ހާދިސާ ކަމަށާއި އޭގެ ތެރެއިން 6 ހާދިސާ ތިނަދޫގައި ހިނގާފައިވާއިރު ގުދުރަތީ ކާރިސާތަކުގެ ގޮތުގައި 13 ކާރިސާއެއް ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

2017 ވަނަ އަހަރު އެ އަތޮޅުގައި އަލިފާނުގެ 32 ހާދިސާ ހިނގާފައިވާއިރު އޭގެ ތެރެއިން 19 ހާދިސާއަކީ ތިނަދޫގައި ހިނގާފައިވާ ހާދިސާތައް ކަމަށާއި ގުދުރަތީ ހާދިސާތަކުގެ ތެރޭގައި 13 ހާދިސާއެއް މިދިޔަ އަހަރު އެ އަތޮޅުގައި ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އަތޮޅުގައި އަލިފާނުގެ 8 ހާދިސާއެއް ހިނގާފައިވާއިރު ތިނަދޫގައި 5 ހާދިސާ ހިނގާފައިވާ ކަމަށާއި ފެންބޮޑުވުމާއި އެހެނިހެން 3 ހާދިސާ ހިނގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލަށް ހުޅުވި ފަޔަރ ސްޓޭޝަން ހުޅުވައި ބޭނުން ކުރަން ފެށީ މިއަހަރުގެ އޯގަސްޓު މަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ކުރިން ފަޔަރ ސްޓޭޝަން ހިންގަމުން އައީ ތިނަދޫގެ ބާ އިންޖީނުގޭގައެވެ. 2010 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓު މަހާ ހަމައަށް ފަޔާ އެންޑް ރެސްކިއުގެ ޚިދުމަތް ދެމުން އައީ ދުވަސްވެފައި ހުރި ބާ އިމާރާތެއްގައެވެ.