ސިޔާސީ

ރާއްޖެއާއި ޗައިނާއިން ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރަނީ


ރާއްޖެއާއި ޗައިނާ އާއި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް އިތުރު ކުރުމުގެ ގޮތުން ފްރީ ޓްރޭޑް އޭރިއާއެއް ގާއިމް ކުރުމުގެ މަޝްވަރާތަށް ބާއްވައިފިއެވެ.ޗައިނާގައި ހުންނަވާ، އެމްބީސީ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ފްރީ ޓްރޭޑް އޭރިޔާ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ވަރަށްއަވަހަށް ސޮއިކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދުގެ އިމްޕޯޓް އެކްސްޕޯޓް އިތުރުވެ ދެގައުމުގެ ވިޔަފާރިތަކަށް ފައިދާވެގެންދާނެކަމަށެވެ.  އަދި ސިލްކް ރޫޓުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި އިއްޔެސޮއިކުރެވުމާއި ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ލިބިގެން ދާނެކަންވެސް މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް އިޤްތިޞާދީ  ދާއިރާއިންނާއި، އެހެނިހެން ދާއިރާތަކުން ދެގައުމުގެ ގުޅުންބަދަހިވެގެން ދާނެކަމަށާއި، ޗައިނާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުން އިތުރު ވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކީ، ޗައިނާގެ އެހީގައި ރާއްޖޭގައި މިހާރު ހިންގަމުންދާ މަޝްރޫއުތަކާއި، ކުރިއަށް ރާވާފައިވާ މަޝްރޫއުތަކަށް އެހީ ހޯދޭނެ ގޮތްތަށް ބެލުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާއެހެނިހެން ކަންކަމުގެ ތެރޭގައި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކްގެ ނަމުގައި އައު ބޭންކެއް އެކުލަވާލާ،  އެބޭންކްގެ ފައުންޑިންގ މެމްބަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމުގެ މަޝްވަރާތަށް ހިމެނެއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލް މިނިސްޓަރ ނުދެއްވައެވެ.ދެދުވަހުގެ މުއްދަތަށް ޗައިނާގެ ބެއިޖިންގގައި ކުރިއަށް ދާ ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަންނަވަނީ، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީއާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފްއެވެ.