ޚަބަރު

ފުރަތަމަ ބޮޑުހަނގުރާމަ ނިންމާލިތާ އެއް ޤަރުނު


ފުރަތަމަ ބޮޑުހަނގުރާމަ ނިންމާލިތާ އެއް ޤަރުނު ފުރުން ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ އެކި ސަރަހައްދުގައި ތަފާތު ހަރަކާތްތައް ހިންގަމުން އެބަދެއެވެ.

1914 ވަނަ އަހަރުން 1918 ވަނަ އަހަރަށް، މައިގަނޑު ގޮތެއްގައި ވިލާތު ބައްރުގައި ހިނގި ފުރަތަމަ ހަނގުރާމައިގެ ނިމުމަށް ސަތޭކަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އޮސްޓްރޭލިޔާ، ނިއުޒިލޭންޑް އަދި އިންޑިއާގައިވެސް ވަނީ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

މި ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވީ، ފުރަތަމަ ބޮޑު ހަނގުރާމައަކީ އިންޑިއާއިން ސީދާ ގޮތެއްގައި ބައިވެރި ހަނގުރާމައެއް ނޫން ކަމުގައިވާނަމަވެސް ދުނިޔޭގެ ސުލްހައިގެ ހައްޤުގައި އިންޑިއާގެ ސިފައިންގެ އެތައް ބަޔަކު ބޮޑެތި ޤުރުބާނީތަކެއް ވީކަމަށެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި އިންޑިއާގެ ހަތްދިހަ ހަތަރުހާސް ސިފައިން މަރުވިއެވެ. މި ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ ފަރަންސޭސިވިލާތުގައެވެ.

މި ހަރަކާތްތަކުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ލިޑަރުން ބައިވެރިވަޑައިގަންނަވާނެއެވެ. މީގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން ފަރަންސޭސި ރައީސް އެމެނުއަލް މެކްރޯން، ރަޝިޔާގެ ރައީސް ވްލަޑްމީރް ޕުޓިން އަދި ޖަރުމަނުވިލާތުގެ ޗާންސެލަރ އަންގެލާ މަރކެލް ހިމެނިވަޑައިގަންނަވައެވެ.